logo

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކޮށްދިން މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ފިރާގު ގޮވާލައްވައިފި

މަރްޔަމް
4 ގަޑިއިރު ކުރިން
ނާރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގް

ނާރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގް

ދިވެހިރާއްޖޭގެ ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި ކަމަށް ބުނާ މައްސަލަ ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން އަވަހަށް ތަހުގީގުކޮށް، ގާނޫނީ ފިޔަވަޅު އެޅުމަށް މަޝްހޫރު ޓޫރިޒަމް ކުންފުނި "އިނަރ މޯލްޑިވްސް"ގެ ސީއީއޯ މުހައްމަދު ފިރާގު ގޮވާލައްވައިފިއެވެ.
ފިރާގު މިކަމަށް ގޮވާލެއްވީ ރާއްޖޭގެ ރިސޯޓެއްގައި އެއް ޖިންސުގެ ދެ މީހުން ކައިވެނިކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ދަނޑިވަޅެއްގައެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފިރާގު ވިދާޅުވީ، ދައުރުވަމުންދާ އެ ވީޑިއޯއާ ގުޅިގެން އާންމުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވާ ކަމަށެވެ. އަދި ރާއްޖެއަކީ ބައި ގަރުނަށް ވުރެ ގިނަ ދުވަހު ދުނިޔޭގެ ފެންވަރުގައި މަގުބޫލުކަން ހޯދާފައިވާ ފަތުރުވެރިކަމުގެ މަންޒިލަކަށް ވާއިރު، މި ޤައުމުގެ ޤާނޫނުތަކާއި ޤަވާއިދުތަކުގެ އިތުރުން ދިވެހިންގެ ސަގާފީ އަދި އިސްލާމީ އަގުތަކަށް އިހުތިރާމްކުރުމަކީ ރާއްޖޭގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކެއްގެ ވެސް ޒިންމާއެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، އެ އަމަލު ހިންގި ތަނަކީ ބޭރުގެ އިންވެސްޓަރުން ހިންގާ ރިސޯޓެއް ކަމުގައި ވިޔަސް، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުން އެއްވެސް ފަރާތަކަށް އިސްތިސްނާއެއް ނުލިބޭނެ ކަމަށް ފިރާގު ވިދާޅުވިއެވެ. ބޭރުގެ ފަރާތްތަކުން ރާއްޖޭގައި އިންވެސްޓް ކުރުމަކީ މި ގައުމުގެ ގާނޫނުތަކާ ހިލާފުވުމަށް ލިބޭ ހުއްދައެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފިރާގު އިތުރަށް ވިދާޅުވީ، އެކި ފެންވަރުގެ ފަތުރުވެރިންނާއި އިންވެސްޓަރުންނަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔާ ކަމަށާއި، ނަމަވެސް އެ ހުރިހާ ފަރާތްތަކުން ވެސް ގައުމުގެ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ.

"މި ހާދިސާ ތަހުގީގުކޮށް، ގާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރާއި ކަމާބެހޭ ފަރާތްތަކަށް އަޅުގަނޑު ގޮވާލަން،" ފިރާގު ވިދާޅުވިއެވެ.
އޭނާގެ ޕޯސްޓް ނިންމަވާލައްވަމުން ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގެ ގައުމީ ސިޔާދަތާއި، އިސްލާމީ ސާފު އުސޫލުތަކާއި، ސަގާފަތާއި، ގާނޫނީ ނިޒާމުގެ އިތުރުން ބައިނަލްއަގުވާމީ ދުނިޔޭގައި ދިވެހިރާއްޖެއަށް ލިބިފައިވާ ރީތި ނަން ރައްކާތެރިކުރުމަކީ އެންމެ އިސްކަންދޭންޖެހޭ މުހިންމު ވާޖިބު ކަމުގައެވެ.

ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތައް ބުނާގޮތުން، އިސްލާމްދީނުގެ އަސްލަކާ ހިލާފު އެއްވެސް ކަމެއް ރާއްޖޭގައި ކުރުމަކީ މަނާ ކަމެކެވެ. އެހެންކަމުން އެއް ޖިންސުން ގުޅުން ހިންގުމާއި ކައިވެނި ކުރުމަކީ ދިވެހި ގާނޫނުލްއުގޫބާތުގެ ދަށުން ޖިނާއީ ބޮޑު ކުށަކަށް ވާއިރު، ސައްތައިން ސައްތަ މުސްލިމު މި ގައުމުގައި ފާޅުކަން ބޮޑު ގޮތެއްގައި މިފަދަ އަމަލުތައް ހިންގަމުންދާތީ، ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ސޯޝަލް މީޑިއާގައްޔާއި އެކި މަންސަތަކުގައި ނުރުހުމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ad