ޙައްޤު ބަސް ފަތުރާ، މިއަދާއި މާދަމާއަށް ފައިދާވާނޭ ލިޔުންތައް ލިޔާ ބަޔަކަށް ލިޔުންތެރިން ވާންވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގެ 34ވަނަ ލިޔުންތެރިންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ދިވެހި އެންމެހައި ލިޔުންތެރިންނަށާއި ރައްޔިތުންނަށް ފޮނުވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މާތްވެގެންވާ އިސްލާމްދީނަކީ، އުނގަންނައިދިނުމާއި ތެދު މަޢުލޫމާތު ފެތުރުމަށް އަދި ލިޔުންތެރިކަން ކުރިއެރުވުމަށް ބާރުއަޅާ ދީނެއްކަމަށެވެ. އެހެންކަމުން، ދިވެހިބަހުން ލިޔާ ކޮންމެ ލިޔުންތެރިއަކުވެސް، ޙައްޤުބަސް ފެތުރުމަށާއި، ރީތިކޮށް މުޚާޠަބުކުރުމަށް ނަސޭހަތްތެރިވިއެވެ. އަދި ތިމާއަށާއި އަނެކުންނަށް މިއަދާއި މާދަމާވެސް ފައިދާކުރާނެ ރަނގަޅު ވާހަކަތަކާއި ފިކުރުތައް ފެތުރުމަށް ރައީސް ވަނީ ނަސޭހަތްތެރިވެވަޑާއިގެންނެވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ދިވެހި ލިޔުންތެރިން ވާންޖެހޭނީ ޤައުމު އަބަދުމެ ފަޚުރުވެރިވާނެ ޤައުމަށް ފާގަތިވާނެ ގޮތަށް ލިޔާ އަމާނާތްތެރި ޤައުމުދެކެ ލޯބިވާ ބަޔަކަށް ކަމަށެވެ.
އަދި ދިވެހި ޤައުމުގެ އެހާރާއި މިހާރުގެ ލިޔުންތެރިންގެ ތެދުވެރި މަސައްކަތްތަކުގައި ބަރަކާތް ލެއްވުން އެދި ދުޢާ ކުރައްވާ ކަމަށްވެސް އެމަނިކުފާނުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ދިވެހިރާއްޖޭގެ ލިޔުންތެރީންގެ ދުވަސް ފާހަގަކުރަނީ ފުރަތަމަ މަޖައްލާއެއް ނެރުނީ 1933ވަނަ އަހަރުގެ ޖުލައި މަހުގެ 8ވަނަ ދުވަހު ކަމަށް ވާތީއެވެ. އެ މަޖައްލާގެ ނަމަކީ "އަލްއިޞްލާޙު"އެވެ. ނަމަވެސް ރާއްޖޭގައި ރަސްމީކޮށް މި ދުވަސް ފާހަގަކުރަން ފެށީ ޖުލައި 1993 ވަނަ އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހުގައެވެ.

