ޤަވާއިދާ ޚިލާފަށް ބިންތަކެއް ދޫކުރި މައްސަލައެއްގައި ތިނަދޫ ސިޓީގެ މޭޔަރު ސަޢުދު ޢަލީއާއި ކައުންސިލުގެ ކުރީގެ ތިން މެންބަރެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
އޭސީސީން ނެރުނު ބަޔާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ތިނަދޫ ކައުންސިލުން އަމަލުކުރުމަށް އެކުލަވައިލާފައިވާ "ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު" ގައި ސިނާއީ ނުވަތަ ވިޔަފާރީގެ ބޭނުންތަކަށް އެ ރަށުން ބިން ދޫކުރެވޭނީ ބީލަމަށް ހުޅުވާލައިގެން ކަމަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް، ކައްކާ ގޭހުގެ ވިޔަފާރި ކުރުމަށް ތިނަދޫއިން ބިމެއް ހޯދުމަށް އަމިއްލަ ކުންފުންޏަކުން އެދުމުން، އެއްވެސް އިޢުލާންކުރުމަކާ ނުލައި ގަވާއިދާ ޚިލާފަށް އެ ކުންފުންޏަށް ބިމެއް ދޫކުރަން ވަނީ ނިންމާފައެވެ.
އެ ނިންމުމަކީ ތިނަދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 111 ވަނަ ރަސްމީ ބައްދަލުވުމުގައި ވަކި ކުންފުންޏަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ނިންމި ނިންމުމެއް ކަމަށް އޭސީސީން ވަނީ ތުހުމަތުކޮށްފައެވެ.
މީގެ އިތުރުން، 1 ނޮވެންބަރު 2023 ގައި އެ ކުންފުންޏާއެކު ވެވުނު އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން މޭޔަރު ސަޢުދު ޢަލީ ސޮއިކުރައްވާފައިވާއިރު، ގަވާއިދާ ޚިލާފަށް އެއް ބިން ދޫކުރަން ނިންމި ނިންމުމުގެ އިތުރަށް، 2،000 އަކަފޫޓުގެ 3 ބިން އެ ކުންފުންޏަށް ގަވާއިދާ ޚިލާފަށް ނާޖާއިޒު ގޮތުގައި ދޫކޮށްފައިވާ ކަމަށްވެސް އޭސީސީން ފާހަގަކޮށްފައިވެއެވެ.
މި މައްސަލައިގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އުފުލައިދިނުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ 10 ސެޕްޓެންބަރު 2025 ގައެވެ.

