logo

މިއަހަރު އިތުރު 15 ރަށެއްގައި ވެމްކޯގެ ހިދުމަތް ފަށަނީ

އާމިނަތު މޫސާ
6 ގަޑިއިރު ކުރިން

މި އަހަރުތެރޭގައި ރާއްޖޭގެ އިތުރު 15 ރަށެއްގައި ވެމްކޯގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ބުނެފިއެވެ.

މިކަން ހާމަކުރެއްވީ ދައުލަތުގެ މީޑިއާއަށް ދިން ޚާއްސަ އިންޓަވިއުއެއްގައި ވެމްކޯގެ ޖެނެރަލް މެނޭޖަރު އިސްމާޢީލު އުބައިދު އެވެ.

އުބައިދު ވިދާޅުވީ، އަތޮޅުތެރޭގެ ރަށްރަށަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވެމްކޯއާވެސް މުހިންމު މަސައްކަތްތަކެއް ހަވާލުކޮށްފައިވާ ކަމަށެވެ. އެގޮތުން ރަށްރަށުގައި ކުނިކޮށި ތަރައްޤީކުރުމުގެ މަޝްރޫޢުތަކުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުން 26 ރަށެއްގައި ވެމްކޯގެ ޚިދުމަތް ފެށުމުގެ މަސައްކަތް ހަވާލުކޮށްފައިވާކަމަށް އުބައިދު ވިދާޅުވިއެވެ.

އުބައިދު ވިދާޅުވީ، ވެމްކޯގެ ޚިދުމަތް ފެށުމަށް ހަވާލުކޮށްފައިވާ 26 ރަށުގެ ކައުންސިލްތަކާއި މަޝްވަރާކުރެވި، އިދާރީ ގިނަ މަސައްކަތްތަކެއް މިހާރު ނިމިފައިވާ ކަމަށާއި، މިހާރު ކުރަމުންދަނީ ޢަމަލީގޮތުން މަޝްރޫޢުގެ މަސައްކަތް ފެށުމަށްޓަކައި ބޭނުންވާ ވެހިކަލްތަކާއި، މެޝިނަރީތައް ހޯދުމުގެ މަސައްކަތްތައް ކަމަށެވެ.

މިއަހަރުތެރޭ އިތުރު 15 ރަށެއްގައި ވެމްކޯގެ ޚިދުމަތް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އުބައިދު ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް ވެމްކޯއިން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މިހާތަނަށް ރާއްޖޭގެ ހުރިހާ ސިޓީތަކެއްގައި އެ ކުންފުނިން އަންނަނީ ހިދުމަތް ފޯރުކޮށްދެމުންނެވެ. މިއީ އަތޮޅުތެރޭގެ ރަށްރަށަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ނިންމާފައިވާ ނިންމުމެކެވެ.

ad