logo

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ސައިންޓިފިކް ދިރާސާތަކުގެ މުހިންމުކަން ކުރިއަށްވުރެ ބޮޑު: ވަޒީރު ޝިޔާމް

އާމިނަތު މޫސާ
12 ގަޑިއިރު ކުރިން

ހަލުވިކަމާއެކު މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް އަންނަ ބަދަލުތަކާއެކު، ސައިންޓިފިކް ދިރާސާތަކުގެ މުހިންމުކަން ކުރިއަށްވުރެ ބޮޑު ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) އިން ކޮންމެ ދެ އަހަރުން އެއްއަހަރު ބާއްވާ މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމްގެ ހަވަނަ ސިމްޕޯސިއަމް، ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ ހަލުވިކަމާއެކު، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އަޅުގަނޑުމެންގެ ކަނޑުގެ ދިރުންތަކަށް އަންނަ ބަދަލުތަކާއެކު، ސައިންޓިފިކް ދިރާސާތަކުގެ މުހިންމުކަން ކުރިއަށްވުރެ ބޮޑުކަމަށެވެ.

މިކަމަށް އެދެވޭ އިޖާބައެއް ދިނުމަށްޓަކައި، ބަދަލުވަމުންދާ ކަނޑުތަކާ ބެހޭ ދިރާސާތައް އިތުރުކޮށް، ފަރުތަކުގެ ދިރުން ދެމެހެއްޓުމަށް މަސައްކަތްކޮށް، މުޖުތަމައުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަނެވޭނެ އާދަޔާޚިލާފު، ސައިންޓިފިކް ހައްލުތައް ހޯދަންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ދިރާސާތަކާއި އިލްމަށް އިންވެސްޓްކޮށްގެން، ކަނޑުގެ މާހައުލު ރައްކާތެރިކޮށް، އެއަށް ބަރޯސާވާ ދިރިއުޅުންތައް ހިމާޔަތްކޮށް، އަންނާން އޮތް ޖީލުތަކަށް އަމާން މުސްތަގުބަލެއް ބިނާކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ފުޅާ ފަރުތަކާއި ކަނޑުތަކަކީ ސައިންޓިފިކް ދިރާސާތަކާއި، ތައުލީމާއި، އާ އީޖާދުތަކުގެ އިތުރުން ދެމެހެއްޓެނިވި އިގްތިސާދީ ކުރިއެރުމަށް އޮތް ބޮޑު ފުރުސަތެއް މީގެ އިތުރުން، މިއީ ތިމާވެށީގެ ދުޅަހެޔޮކަމާއި، އިޖުތިމާއީ ފުދުންތެރިކަމާއި، އިގްތިސާދީ ތަނަވަސްކަން އެކަތި އަނެކައްޗާ ގުޅިފައިވާ ނިޒާމެކެވެ. މި ދާއިރާއިން ހޯދޭ ކޮންމެ އާ އިލްމަކީ އަޅުގަނޑުމެންގެ ވިސްނުން ފުންކޮށްދީ، މި ވަސީލަތްތައް ޒިންމާދާރުކަމާއެކު ބެލެހެއްޓުމުގެ ގާބިލުކަން އިތުރުކޮށްދޭ ކަމެއް އަދި މިއީ މިހާރުގެ ޖީލުތަކަށާއި އަންނާން އޮތް ޖީލުތަކަށްވެސް މީގެ މަންފާ ލިބޭނެކަން ކަށަވަރުކޮށްދޭނެ ކަމެއް،" މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވިއެވެ.

ދިރާސާތަކުގެ މައްޗަށް ބިނާވެފައިވާ މުޖުތަމަޢެއް ބިނާކުރެއްވުމަށް މި ސަރުކާރުންވެސް ހާއްސަ އިސްކަމެއް ދެމުން އަންނަކަން ވަޒީރު ފާހަގަކުރެއްވި އެވެ.

މި ސިމްޕޯޒިއަމްގެ ތެރެއިން ބަދަލުކުރެވޭ މަޢުލޫމާތާއި ޢިލްމީ ހޯދުންތަކަކީ، ރާއްޖޭގެ ކަނޑުފަޅުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށާއި ބޭނުންކުރުމަށް އެކުލަވައިލާ ސިޔާސަތުތަކުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމެއްކަން ވަޒީރު ފަހަގަކުރެއްވިއެވެ.

ރާއްޖެ ފަދަ ކުދި ޖަޒީރާ، ބޮޑު ކަނޑެއް އޮތް ޤައުމަކަށް، ކަނޑުގެ ދިރުންތަކާ ބެހޭ މަޢުލޫމާތު މުއްސަނދިކުރުމާ އެއްވަރަށް، ރާއްޖޭގެ ސައިންޓިފިކް ދާއިރާގެ ޤާބިލުކަން އިތުރުކުރުމަކީވެސް ނުހަނު ބޭނުންތެރި ކަމެއް ކަމަށާ އުންމީދަކީ ބައިނަލްއަޤްވާމީ މާހިރުންނާއި މުއައްސަސާތަކާ ގުޅިގެން، ކަނޑުގެ ދިރާސާތަކަކީ ދިވެހިންގެ އަމިއްލަ ބާރުވެރިކަން އޮތް މަސައްކަތްތަކަކަށް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ. މިފަދަ ގުޅުންތަކަކީ ހަމައެކަނި ޢިލްމު އުނގެނުމަށް އޮތް ފުރުޞަތެއް ނޫން ކަމަށާ އެއީ ރާއްޖޭގެ އަންނަން އޮތް ޖީލުގެ ސައިންސްވެރިންނާއި، ދިރާސާވެރިން އަދި ކަނޑުފަޅުގެ ކަންކަމުގައި އިސްނަގާނެ ލީޑަރުން ބިނާކުރުމަށް ލިބޭ މުހިންމު ބާރެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ad