ރާއްޖޭގެ ފަތުރުވެރިކަމާ ގުޅުންހުރި 62 ކުންފުންޏެއްގެ ބައިވެރިވުމާއެކު، ބައިނަލްއަޤްވާމީ ފެންވަރުގެ ވޯލްޑް ޓްރެވަލް މާކެޓް 2026 ފަށައިފިއެވެ. މިއީ މި ހިނގާ އަހަރު ރާއްޖެއިން ބައިވެރިވާ ބޮޑެތި ޓޫރިޒަމް ފެއާތަކުގެ ތެރެއިން އެންމެ ފަހު ހަރަކާތެވެ. މި ފެއާގައި ހުންނަ ދިވެހިރާއްޖޭގެ ސްޓޭންޑް ރަސްމީކޮށް ހުޅުއްވައިދެއްވުމުގެ ގޮތުން، ދަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން އާއި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޔާސިރުގެ އިތުރުން އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަމީލާ ޢަލީ ވަނީ ސްޓޭންޑަށް ޒިޔާރަތްކުރައްވައި، ރާއްޖޭގެ ކުންފުނިތައް ތަމްސީލުކުރާ މަންދޫބުންނާ ބައްދަލުކުރައްވާފައެވެ. ރާއްޖެއިން ބައިވެރިވާ ބައިނަލްއަޤްވާމީ މައުރަޒުތަކުގެ ތެރެއިން ވޯލްޑް ޓްރެވަލް މާކެޓަކީ ވަރަށް މުހިންމު ފެއާއެކެވެ. އެއީ ރާއްޖޭގެ ޖުމްލަ ފަތުރުވެރިކަމުގެ ބާޒާރުގެ 57 އިންސައްތަ ހިއްސާކުރަނީ ޔޫރަޕްގެ ޤައުމުތަކުން އަންނަ ފަތުރުވެރިން ކަމަށްވާތީއެވެ. މިފަހަރުގެ ޑަބްލިއުޓީއެމް ލަންޑަންގައި ރާއްޖެ ތަމްސީލުކުރުމަށް ޖުމްލަ 161 މަންދޫބުން ހިމެނޭ ވަފުދެއް ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 62 ކުންފުންޏަކުން ބައިވެރިވި 136 މަންދޫބުންނެވެ. މި ފެއާގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ވިޔަފާރިތަކަށް ބޭރުގެ ކަސްޓަމަރުންނާ ބައްދަލުވެ، ވިޔަފާރީގެ ގުޅުންތައް ވަރުގަދަކޮށް، އެ ފަރާތްތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ބައިނަލްއަޤްވާމީ މާކެޓަށް ދައްކާލުމުގެ އަގުހުރި ފުރުޞަތުތަކެއް ފަހިވެއެވެ. އެކްސެލް ލަންޑަން މައުރަޒު މަރުކަޒުގައި ބާއްވާ މި ފެއާ ކުރިއަށްދާނީ ޖުމްލަ 3 ދުވަހުގެ މުއްދަތަށެވެ. 2027 ވަނަ އަހަރަކީ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ޚާއްޞަ މަސައްކަތްތަކެއް ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަހަރެކެވެ. "ވިޒިޓް މޯލްޑިވްސް އިޔަރ 2027" ގެ ޝިއާރު ރަސްމީކޮށް ތަޢާރަފްކޮށްފައިވަނީ މިއަހަރު ފާހަގަކުރި ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގައެވެ. އަދި މި ފެއާގެ ތެރެއިން ބައިނަލްއަޤްވާމީ ނޫސްތަކަށާއި، މި ދާއިރާގެ ވިޔަފާރި ބައިވެރިންނަށް މި ސިޔާސަތު ރަސްމީ ގޮތުން ހާމަކުރުން އޮންނާނެއެވެ. މި ފެއަރގައި ކުރިއަށް އޮތް އަހަރު ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމުގެ ބޭނުމުގައި، ބައިނަލްއަޤްވާމީ ޓުއާ އޮޕަރޭޓަރުންނާއި، އެއާލައިންތަކާއި، އޮންލައިން ޓްރެވަލް ޕްލެޓްފޯމްތަކުގެ އިތުރުން މީޑިއާތަކާއެކު ގުޅިގެން މާކެޓިންގ ހަރަކާތްތައް ހިންގުމާއި، ޕާޓްނަޝިޕްތައް ޤާއިމުކުރުމާ ގުޅޭގޮތުން ވިޒިޓް މޯލްޑިވްސް އިން މަޝްވަރާތައް ބާއްވާނެއެވެ.
މި ފެއަރގައި "ވިޒިޓް މޯލްޑިވްސް ޑެސްޓިނޭޝަން ގައިޑް" ގެ 2027 ވަނަ އަހަރުގެ އިޝޫ ލޯންޗްކުރުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު، ފެއާގައި ބައިވެރިވާ ރާއްޖޭގެ ކުންފުނިތައް މެދުވެރިކޮށް، އެ ވިޔަފާރިތަކަށް އިތުރު މާކެޓްތައް ހޯދައި އިޝްތިހާރުކުރުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްތަކެއް ކުރިއަށްދާނެއެވެ.


