logo

ޙައްޤުތަކުގެ ހިޔަލުގައި އަނެކާގެ އަބުރާއި ޙައްޤަށް އަރައިނުގަނެވޭނެ: ބަންޑާރަނައިބު އުޝާމް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
4 ގަޑިއިރު ކުރިން

ޤާނޫނު އަސާސީން ލިބިދޭ ހައްގުތައް މިނިވަންކަމާއެކު ލިބިގަތުމުގައި އަނެކުންގެ ހައްގުތަކަށްވެސް އިހްތިރާމްކޮށް ސަމާލުވާން ޖެހޭނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިހެން ވިދާޅުވީ، ޤާނޫނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ބަންޑާރަނައިބުގެ އޮފީހުން ކުރިއަށްގެންދާ "އެނގުމަކީ ބާރެއް" ޕްރޮގުރާމުގެ ތެރެއިން އެ އޮފީހުން އާއްމުކުރި ވީޑިޔޯއެއްގައެވެ. އެގޮތުން، ޙައްޤުތަކާއި ޒިންމާތަކަކީ އެއް ފައިސާ ފޮއްޗެއްގެ ދެފަރާތް ކަމަށާއި އެއްފުށް ނެތި އަނެއްފުށް ބޭނުންނުކުރެވޭނެ ފަދައިން، ކޮންމެ މީހަކަށްވެސް ލިބިދޭ ޙައްޤުތަކާއި އެ މީހަކު އަދާކުރަންޖެހޭ ވާޖިބުތަކަކީ ވަކިނުކުރެވޭނެ ދެ އަސާސްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 67 ވަނަ މާއްދާގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާކަމަށް އުޝާމް ވިދާޅުވިއެވެ

ދަތުރުފަތުރުކުރުމުގެ މިނިވަންކަން ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައި ވީނަމަވެސް، އެ މިނިވަންކަން ލިބިގަތުމުގައި އާންމު ތަންތަން ބޭނުންކުރުމުގައި ޒިންމާދާރުވާންޖެހޭނެ ކަމަށާއި ދަތުރުފަތުރުކުރުމުގައި އެހެން މީހުންނަށް ނުރައްކަލެއް ނުފޯރާނެކަން ކަށަވަރުކުރަންޖެހޭނެ ކަމަށް އުޝާމް ފާހަގަކުރެއްވިއެވެ. މީގެއިތުރުން، މުޒާހަރާކުރުމަކީވެސް ޤާނޫނުއަސާސީން ލިބިދޭ ޙައްޤެއް ނަމަވެސް، އެ ޙައްޤު ބޭނުންކުރަންވާނީ ސުލްޙަވެރިކަމާއެކު ޤާނޫނުތަކަށް އިޙުތިރާމްކުރަމުން ކަމަށްވެސް އުޝާމް ވިދާޅުވިއެވެ.

ވަރުގަދަ ޑިމޮކްރެޓިކް ނިޒާމެއް ބިނާވަނީ ހަމައެކަނި ޙައްޤުތަކެއްގެ މައްޗަކަށް ނޫން ކަމަށާއި، އެފަދަ ނިޒާމެއް ފުރިހަމަވަނީ ކޮންމެ މީހަކުވެސް އެ މީހެއްގެ ޙައްޤުތަކުގެ ބޭނުން ޒިންމާދާރުކަމާއެކު ހިފައި، އެކަކު އަނެކަކަށް އަދާކުރަންޖެހޭ ވާޖިބުތައްވެސް ފުރިހަމަކޮށްގެން ކަމަށް އުޝާމް ވިދާޅުވިއެވެ.

އަބުރާ ބެހުން މަދަނީ ކުށަކަށް ހަދައި، ލިބޭ ގެއްލުމުގެ ބަދަލުގައި ގިނަވެގެން 5 ލައްކަ ރުފިޔާ ނަގައިދެވޭ ގޮތަށް ސަރުކާރުން ވަނީ "ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤުގެ ބިލު" މަޖިލީހަށް ހުށަހަޅާފައެވެ.

ad