logo

އުރަމަތީގެ ކެންސަރަށް ޝައްކުކުރެވޭނަމަ އެހީތެރިކަން ހޯދުމަށް ފަސްޓްލޭޑީ ސަޖިދާ ގޮވާލައްވައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
13 ގަޑިއިރު ކުރިން

އަމިއްލަ ސިއްޙަތަށް އިސްކަންދީ، އުރަމަތީގެ ކެންސަރަށް ޝައްކުކުރެވޭނަމަ ވަގުތުން އެހީތެރިކަން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވަފިއެވެ.

7 ވަނަ "ބްރެސްޓް ކެންސާ އެވެއާނެސް ސިމްޕޯސިއަމް" ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އިލްތިމާސްކުރައްވީ އުރަމަތީގެ ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކަށް ފަރުވާ ހޯދުމުގައި އެއްވެސް އަންހެނަކު ފަސްނުޖެހުމަށާއި، ބިރުވެތިކަމުގެ ސަބަބުން ޑޮކްޓަރަށް ދެއްކުން ލަސްނުކުރުމަށެވެ.

ކެންސަރަށް ފަރުވާ ދިނުމަކީ ހަމައެކަނި ބޭސްފަރުވާއިން ފެށޭ ކަމެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި އެކަން ފެށެނީ ހޭލުންތެރިކަމާއި، ހަށިގަނޑަށް އަންނަ ބަދަލުތައް ދެނެގަނެ، އެކަމާ ގުޅޭގޮތުން ސުވާލު އުފައްދައި އަވަހަށް ޑޮކްޓަރީ ލަފާ ހޯދުމުގެ ހިތްވަރު ލިބިގަތުމުން ކަމަށެވެ.

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމަށް މިއަހަރު ކަނޑައަޅާފައިވާ ތީމުން ވަރަށް މުހިންމު ޙަގީގަތެއް ހާމަކޮށްދޭ ކަމަށާއި ކެންސަރާ ގުޅޭ ފަރުވާއަކީ ހޭލުންތެރިވުމުން ފެށޭ ފަރުވާއެއް ކަމަށެވެ. އެގޮތުން، ހަށިގަނޑަށް އަންނަ ބަދަލުތައް ފާހަގަކުރެވި ސުވާލު އުފައްދައި އެއަށް ޖަވާބު ހޯދަން ހިތްވަރުކުރުމަކީ މުހިންމު ކަމެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ގިނަ އަދަދެއްގެ އަންހެނުން އުރަމަތީގެ ކެންސަރު ތަހައްމަލު ކުރަންޖެހޭކަން ފާހަގަކުރައްވައި ވިދާޅުވީ ދުރާލައި ބަލި ދެނެގަނެވުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. އޭގެ ސަބަބުން އަވަހަށް ފަރުވާ ފަށައި، ބަލިން ސަލާމަތްވުމަށް އޮތް ފުރުސަތު ބޮޑުވެގެންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

އުރަމަތިން ގޮށްލުމާއި، ސިފައަށް ބަދަލު އައުމާއި، ދިޔައެއް ބޭރުވުން ނުވަތަ އާދަޔާ ހިލާފު އިހުސާސެއް ކުރެވުނު ކަމުގައި ވިޔަސް، އެއީ އަމިއްލައަށް ރަނގަޅުވެދާނެ ކަމަށް ބަލައި މަޑުކުރަންވީ ސަބަބުތަކެއް ނޫން ކަމަށެވެ. އަވަހަށް ބަލި ދެނެގަނެވިއްޖެނަމަ، ފަރުވާގެ ގިނަ ފުރުސަތުތަކެއް ލިބި، ބަލިން ފަސޭހަވުމުގެ ފުރުސަތު ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

އެކަމަނާ ފާހަގަކުރެއްވި ގޮތުގައި އަންހެނުން ސްކްރީން ކުރުމަށް ބާރުއެޅުމުގެ އިތުރުން، ސިއްހީ ނިޒާމުވެސް އެކަމަށް ފުރިހަމައަށް ތައްޔާރުވެފައި އޮންނަންޖެހެއެވެ. އެގޮތުން ފެންވަރު ރަނގަޅު މެމޯގްރަފީ، އަލްޓްރާސައުންޑް، ބަޔޮޕްސީ އަދި ޕެތޮލޮޖީގެ ހިދުމަތްތައް ފުޅާކުރުމާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ކުރީކޮޅު ބަލި ދެނެގަތުމުގެ ގާބިލުކަން އިތުރުކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި މި ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނީ އެކަމަށް ތަމްރީނުވެފައިވާ ގާބިލު ސިއްހީ މުވައްޒަފުން ތިބެގެން ކަމަށްވެސް ވިދާޅުވިއެވެ.

ބަލި ތަހައްމަލު ކުރާ ފަރާތްތަކަށް އެހީވުމަށާއި ދުރާލައި ބަލި ދެނެގަތުމަށް ބާރު އެޅުމަށް ގަވާއިދުން ޗެކަޕް ހެދުމަށް ބާރު އެޅުމަށް ނަސޭހަތްތެރިވެވަޑައިގަންނަވާފައެވެ. އަދި އަމިއްލައަށްވެސް ދުރާލައި އެހީތެރިކަން ހޯދުމަށް ހުރިހާ އަންހެނުންށް އެކަމަނާ ނަސޭހަތްތެެރިވެވަޑައިގެންނެވިއެވެ.

އެންމެހައި ސިއްހީ ހިދުމަތްތެރިން ކުރައްވާ ބުރަ މަސައްކަތަށް އިޚްލާސްތެރި ޝުކުރެއް އަދާކުރައްވާފައެވެ. އެކަމަނާ ވިދާޅުވީ ކެންސަރު އަވަހަށް ދެނެގަތުމަކީ ބިރުވެރިކަމެއް ނޫން ކަމަށާއި، އެއީ އުންމީދާއި، ދުޅަހެޔޮ ދިރިއުޅުމަކަށް އެނބުރި ދިއުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ.

ad