ސްކޫލްތަކަށް ދަރިވަރުން ހާޒިރުނުވާ މިންވަރު މަދުކުރުމަށް ސްކޫލް ފެންވަރުގައި އަޅާނެ ފިޔަވަޅުތަކަށް އަމާޒުކޮށްގެން، މާލޭ ޒޯނުގެ ސްކޫލްތަކުގެ ޑެޕިއުޓީ ޕްރިންސިޕަލުންނާއި، ލީޑިންގ ޓީޗަރުން އަދި ސްކޫލް ކައުންސިލަރުންނަށް ދެ ދުވަހުގެ ވޯކްޝޮޕެއް ބާއްވައިފިއެވެ.

"ސްކޫލް-ލެވެލް އިންޓަވެންޝަންސް ޓު ރެޑިއުސް އެބްސެންޓީއިޒަމް" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ވޯކްޝޮޕަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓާއި މެލޭޝިއާގެ ޔުނިވަރސިޓީ މަލާޔާ ގުޅިގެން އިންތިޒާމުކުރި ވޯކްޝޮޕެކެވެ.
މި ވޯކްޝޮޕްގެ މަގުސަދަކީ ދަރިވަރުން ސްކޫލަށް ހާޒިރުނުވާން ދިމާވާ ސަބަބުތައް ދެނެގަތުމަށާއި، ސްކޫލް ފެންވަރުގައި އެ މައްސަލަ ހައްލުކުރުމަށް ހަރުދަނާ ހަރަކާތްތަކާއި އުކުޅުތައް އެކުލަވައިލުމަށް ސްކޫލްތަކުގެ އިސްވެރިންނާއި ކައުންސިލަރުންގެ ގާބިލުކަން އިތުރުކުރުމެވެ.
މި ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ، ދަރިވަރުން ގަވާއިދުން ސްކޫލަށް ނައުމާ ގުޅޭގޮތުން ބައިވެރިންގެ ހޭލުންތެރިކަން އިތުރުކުރުމަށާއި، މިފަދަ ކަންކަން ކުރީބައިގައި ދެނެގަނެ ފިޔަވަޅު އެޅޭނެ ގޮތްތައް ވަރުގަދަކުރުމަށެވެ. އަދި ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު ރަނގަޅުކުރުމަށްޓަކައި ސްކޫލްގެ ވެރިންނާއި، ޓީޗަރުން އަދި ކައުންސިލަރުން ގުޅިގެން މަސައްކަތްކުރުން ކުރިއެރުވުމަށެވެ.
މި ހަރަކާތުގެ ތެރެއިން، ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި ގަވާއިދުން ސްކޫލަށް ހާޒިރުވުމަށް ބާރުއެޅުމުގެ ގޮތުން، ވަކިވަކި ކަންކަމަށް އަމާޒުކޮށްގެން ހިންގޭނެ ހަރަކާތްތައް އެކުލަވައިލުމަށް ބޭނުންވާ މައުލޫމާތާއި ހުނަރު އިތުރުކުރުމުގެ ފުރުސަތު ބައިވެރިންނަށް ވަނީ ލިބިގެން ގޮސްފައެވެ.
މި ވޯކްޝޮޕަކީ، ސްކޫލް ފެންވަރުގައި ގާބިލުކަން އިތުރުކޮށް، ހުރިހާ ދަރިވަރުންނަށް ވެސް ބައިވެރިވެވޭ ފަދަ، އެހީތެރިކަން ލިބޭ އުނގެނުމުގެ މާހައުލެއް ބިނާކުރުމާއެކު، ރާއްޖޭގެ ތައުލީމުގެ ފެންވަރު މަތިކުރުމަށްޓަކައި ކުރެވެމުންދާ މެދުކެނޑުމެއްނެތް މަސައްކަތްތަކުގެ ބައެކެވެ.



