logo

މެންބަރުންނަށް ލިބޭ އަގުބޮޑު ހެލްތު އިންޝުއަރެންސް ކަނޑާލަން ގޮވާލާ މަޖިލީހަށް ޕެޓިޝަނެއް

އާމިނަތު މޫސާ
ދުވަހެއް ކުރިން

ރައްޔިތުންގެ މަޖިލިސް މެންބަރުންނަަށް ލިބޭ އަގުބޮޑު ހެލްތު އިންޝުއަރެންސް ކަނޑާލުމަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

ސޯޝަލް މީޑިއާ އެކްޓިވިސްޓް މިދުއަމް ސައުދު ހުށަހެޅި ޕެޓިޝަންގައި މިހާތަނަށް 1،600 އަށްވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގައި ބުނަނީ ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކާއި އެ މެންބަރެއްގެ އަނބިމީހާ/ފިރިމީހާ އަދި އުމުރުން 18 އަހަރު ނުފުރޭ ދަރިން ރާއްޖެއާއި ސާކް ގައުމުތަކާއި އަދި އާސިއާންގެ ގައުމުތަކުން ސިއްހީ ފަރުވާ ލިބޭނެ ފަދަ މެޑިކަލް އިންޝުއަރެންސް ސްކީމެއްގައި ބައިވެރި ކޮށްދޭން ވާނެ ކަމަށެވެ. އަދި ކުރީގެ މެންބަރުންނަށްވެސް މަޖިލިސް މެންބަރުންނަށް އޮންނަ ފަދަ ހެލްތް އިންޝުއަރެންސް ސްކީމެއްގެ ދަށުން ބޭސްފަރުވާ ކޮށްދޭން ވާނެ ކަމަށް ގާނޫނުގައިވެ އެވެ.

ޕެޓިޝަނުގައި ބަޔާންކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2015 އިން 2025 އާ ދެމެދު މަޖިލިސް މެންބަރުންގެ ހެލްތު އިންޝުއަރެންސް ޕްރިމިއަމްއަށް އެކަނިވެސް ދައުލަތުގެ ބަޖެޓުން ނުވަތަ ރައްޔިތުންގެ ފައިސާއިން ގާތްގަނޑަކަށް 100 މިލިއަން (100،000،000) ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އަދި މެންބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށް އުމުރުދުވަހަށް މި ހިދުމަތް ދޭންޖެހޭތީ، މި އަދަދު އަހަރަކަށް ވުރެ އަހަރެއް ބޮޑުވަމުންދާނެ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

ޕެޓިޝަންގައި ވަނީ 2015 އިން 2025 އަށް މަޖިލިސް މެންބަރުންގެ ހެލްތު އިންޝުއަރެންސް ޕްރިމިއަމް އަށް 100 މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްފައިވާކަން ފާހަގަކޮށްފަ އެވެ. އަދި މެންބަރުކަން ކުރެއްވުމަށްފަހު ވަކިވެ ވަޑައިގަންނަވާ ކޮންމެ މެންބަރަކަށް އުމުރު ދުވަހަށް މި އިންޝުއަރެންސް ދޭން ޖެހޭތީ މިއަދަދުތައް އަހަރަކަށް ވުރެ އަހަރެއް އެތައް ގުނައެއް އިތުރުވާ ކަމަށެވެ.

އާންމު ރައްޔިތުން އާސަންދަ އަދި އެންސްޕާގެ ހިދުމަތް ހޯދަން ޖެހޭއިރު، ރައްޔިތުން ތަމްސީލުކުރަން ތިބޭ މެންބަރުންނަށް ރައްޔިތުންގެ ޓެކްސް ފައިސާއިން އަގުބޮޑު އިންޝުއަރެންސް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޕެޓިޝަނުގައިވެއެވެ. ސިއްހީ ނިޒާމު އިސްލާހުކޮށް ސަރުކާރު ޖަވާބުދާރީ ކުރުވަން ތިބޭ ބަޔަކަށް ވަކި ހާއްސަ އިނާޔަތްތަކެއް ލިބޭނަމަ، އާންމުން ތަހައްމަލުކުރާ ތަކުލީފުތައް މެންބަރުންނަށް އިހުސާސް ނުވާނެ ކަމަށާއި، ސިއްހީ ނިޒާމު ހަރުދަނާ ކުރަން މަސައްކަތް ކުރުމުގެ ބަދަލުގައި އަމިއްލަ މަންފާއަށް ގާނޫނު ހެދުމަކީ ހައްލެއް ނޫން ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ad