logo

ދަރުމަވަންތަ ހޮސްޕިޓަލުގައި އިތުރު ކެތު ލެބެއް ގާއިމުކުރަނީ

އާމިނަތު މޫސާ
2 ގަޑިއިރު ކުރިން

ދަރުމަވަންތަ ހޮސްޕިޓަލުގައި ދެވޭ ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން، އެ ހޮސްޕިޓަލުގައި އިތުރު ކެތު ލެބެއް ގާއިމުކުރުމަށް ނިންމާފައިވާކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުއްރައްޒާގް ހަލީމް ވިދާޅުވެއްޖެއެވެ.

މި އައު ކެތު ލެބަކީ މިހާރު ހުރިހިދުމަތްތަކަށްވުރެ ފެންވަރު ރަނގަޅު ވަސީލަތްތަކާއެކު ތަރައްގީކުރާ ތަނެކެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ، އައު ކެތު ލެބް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައެވެ. މިހާރު އެ ހޮސްޕިޓަލުގައި ހުރި ކެތު ލެބުގައި ސިންގަލް ޕްލޭނަރ އެއް ހުރި ނަމަވެސް، އަލަށް ތަރައްގީކުރާ ލެބުގައި ބަހައްޓާނީ "ބައިޕްލޭނަރ" އެކެވެ. މީގެ ސަބަބުން ކުރިއަށް އޮތްތަނުގައި ސްޕައިން ސާޖަރީތަކާއި ސިކުނޑީގެ އޮޕަރޭޝަންތައް ކުރުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

މި މަޝްރޫއުގެ ތަފްސީލް ހިއްސާކުރައްވަމުން ސީއީއޯ ވިދާޅުވީ، މި މަސައްކަތަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި މެޝިންތައް ގެނެސް އިންސްޓޯލްކުރުމަށްފަހު، މިއަހަރުގެ ތިންވަނަ ކުއާޓާގެ ތެރޭގައި އައު ކެތު ލެބްގެ ޚިދުމަތް ރަސްމީކޮށް ފެށޭނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން މީގެ 10 އަހަރު ކުރިން އައިޖީއެމްއެޗްގައި ގާއިމުކުރި ކެތު ލެބްވެސް އަޕްގްރޭޑް ކުރަން ޖެހިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ކެތު ލެބަކީ ހިތުގެ ބަލިތަކާއި ލޭހޮޅިތަކުގެ މައްސަލަތައް ދެނެގަނެ، ފަރުވާ ދިނުމަށް ބޭނުންކުރާ ހާއްސަ ލެބެކެވެ. މި ވަސީލަތުގެ އެހީގައި ލޭހޮޅިތަކުގެ ތެރެއަށް ކެތިޓާ ފޮނުވައިގެން ބެދިފައި ހުންނަ ލޭހޮޅިތައް ދެނެގަނެ، ސްޓެންޓް ލެއްވުން ފަދަ މުހިންމު ފަރުވާތައް ދެވެއެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ މިހާރުގެ ހައިބްރިޑް ކެތު ލެބުގައިވެސް ނިއުރޯ ސާޖިކަލް އަދި އިންޓަވެންޝަނަލް ރޭޑިއޮލޮޖީގެ ހިދުމަތްތައް ދަނީ ފޯރުކޮށްދެމުންނެވެ.

ސަރުކާރުން ވަނީ 2024 ވަނަ އަހަރުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލަކީ ރާއްޖޭގެ މައި ހޮސްޕިޓަލުގެ ގޮތުގައި ކަނޑައަޅައި، ދަރިމައިވުމުގެ ފަރުވާއާއި ކުޑަކުދިންގެ އިމަރޖެންސީ ފަރުވާ ފަދަ މުހިންމު ހިދުމަތްތައް އެތަނުން ލިބޭނެ އިންތިޒާމު ހަމަޖައްސާފައެވެ.

ad