މަސްވެރިން ބާނާ މަސް އަގު އެއްކޮށްގެން ބާޒާރަށް ނެރުމުން މިހާރު ލިބޭ އާމްދަނީއަށްވުރެ ރަނގަޅު އާމްދަނިއެއް ލިބޭނެ ކަމަށް މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މިޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި ޝިޔާމް ވިދާޅުވީ ދޮށީގެ މަސްވެރިކަމުން ބާނާ މަސް ރާއްޖެއިން ބޭރަށް މިހާރު ކުރާ ގޮތަށް އެކްސްޕޯތް ކުރުމަށްވުރެ މަސް އަގު އެއްކޮށްލައިގެން ޕްރޮސެސްކޮށްގެން ބައިނަލް އަގުވާމީ ބާޒާރަށް ނެރުމުން ލިބޭ އާމްދަނީ އިތުރުވެގެންދާނެ ކަމަށެވެ. އެހެންނޫން ނަމަ މިހާރު އޮތް ގޮތުން ދިވެހިން ބާނާ މަހުގެ ހަގީގީ ފައިދާ ނަގަމުންދާނީ އެހެން ބައެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި ސަރުކާރުން ބޭނުންވަނީ ދިވެހިން ބާނާ މަސް ޕްރޮސެސްކޮށްގެން މަހުގެ އަގު އެއްކޮށްގެން ބާޒާރަށް ނެރެން ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ފެލިވަރުގައި މިހާރު ހުރި 50 ޓަނުގެ ފެސިލިޓީ 100 ޓަނަށް ހަދާނެ ކަމަށާއި ގދ. ފިޔޯރީއާ ފ. ނިލަންދޫ ފެސިލިޓީގެ މަސައްކަތް ކުރިޔަށް އޮތް ދެ ހަފްތާތެރޭ އަމަލީ މަސައްކަތް ފަށާނެ ކަމަށް ޝިޔާމު ވަނީ ވިދާޅުވެފައެވެ.
އަދި އައްޑު ސިޓީ ހުޅުމީދޫގައި މިހާރު ހުރި ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީ އިތުރުކޮށް އެތަނުގައި މަސް ޕްރޮސެސިން ފެސިލިޓީއެއްވެސް ގާއިމުކުރާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އޭޣެ ފަހުން ރާއްޖޭގެ ޕްރޮސެސިން ކެޕޭސިޓީ ޕްރައިވެޓް ސެކްޓާއެކީގައި 100 ޓަނުން 300 ޓަނަށް ބަދަލުކުރެވިގެންދާނެކަން ވަނީ ފާހަގަކުރައްވާފައެވެ.

