ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މައްޗަށް ޒިނޭ ފަދަ ބޮޑެތި ތުހުމަތުތަކެއްކޮށް ދޮގު މަޢުލޫމާތު ފެތުރި މައްސަލައިގައި، 'އަދަދު' ނޫސް ބަލައިފާސްކޮށް ފުލުހުން ހިންގަމުންދާ ތަހުގީގަކީ ގާނޫނީ ގޮތުން ކުރަންޖެހޭ ކަމެއް ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިހްސާން މިއަދު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދީފައި އޮތް ނަމަވެސް، އެއީ ދޮގު ވާހަކަތައް ފަތުރައިގެން މީހުންގެ އަބުރު ކަތިލުމަށް ދީފައިވާ ހުއްދައެއް ނޫން ކަމަށެވެ. އަދި ހަގީގަތާ ހިލާފު ސީރިއަސް ތުހުމަތުތައް ފެތުރުމަކީ ނޫސްވެރިކަން ނޫން ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ގާނޫނުއަސާސީގެ މާއްދާތަކަށް ރިއާޔަތް ކުރައްވަމުން މިނިސްޓަރު ވިދާޅުވީ، 27 ވަނަ މާއްދާގެ ދަށުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިދީފައިވަނީ އިސްލާމްދީނުގެ އަސްލުތަކާ ހިލާފުނުވާ ގޮތަށް ކަމަށެވެ. އަދި 28 ވަނަ މާއްދާއިން ނޫސްވެރިކަމުގެ މިނިވަންކަން ލިބިދޭއިރު، 33 ވަނަ މާއްދާގެ ދަށުން ކޮންމެ މީހަކަށްމެ އެމީހެއްގެ އަބުރާއި ނަން ރައްކާތެރިކުރުމުގެ ހައްގު ލިބިގެންވާކަން މިނިސްޓަރު ހަނދާންކޮށްދެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ، ފުލުހުން މަސައްކަތް ކުރަމުންދަނީ ގާނޫނީ އިމުގެ ތެރެއިން ގާނޫނުގެ ބާރު ނެގެހެއްޓުމަށާއި ރައީސުލްޖުމްހޫރިއްޔާގެ ގާނޫނީ ހައްގުތައް ހިމާޔަތް ކުރުމަށް ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ނޫސްވެރިކަމުގެ މިނިވަންކަން ދިވެހިރާއްޖޭގައި ކަށަވަރުކޮށްދީފައިވީ ނަމަވެސް، އެއީ ދޮގު މަޢުލޫމާތު ފަތުރައިގެން މީހުންގެ އަބުރު ކަތިލުމަށް ދީފައިވާ ހުއްދައެއް ނޫނެވެ.
މި މައްސަލައިގައި ފުލުހުން ވަނީ 'އަދަދު' ނޫހުގެ އޮފީސް ބަލައިފާސްކޮށް، ތަހުގީގަށް ބޭނުންވާ ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ، އަދަދު ނޫސް ބަލައިފާސް ކުރީ ފުލުހުން ހިންގަމުންދާ ޖިނާޢީ ތަހުގީގަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.
އަދަދުން، ރައީސުލްޖުމްހޫރިއްޔާއަށް ބޮޑެތި ތުހުމަތެއް ކޮށް ޑޮކިއުމަންޓްރީއެއް ހެދި މައްސަލާގައި އޭގައިވާ ހުރިހާ ވާހަކަތަކެއް ދޮގުކޮށް އެ ދޮގު ފެތުރި އެންމެންގެ މައްސަލަ ބަލައިދޭން އެދިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

