މާލޭގެ މަގުތަކުގެ ޑިޒައިންގެ މަސައްކަތް ކުރުމަށް ޗައިނާގެ ޓީމެއް މި މަހު ރާއްޖެ އަންނާނެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ޗައިނާގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މާލޭގެ މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތް ލަސްވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. ވަޒީރު ވިދާޅުވީ ހިލޭ އެހީ އާއި ލޯން އެހީއާ ދައުލަތުގެ ބަޖެޓުން ހިންގާ މަޝްރޫއުތަކަކީ މުޅިން ތަފާތު އުސޫލުތަކެއްގެ ތެރެއިން ތަފާތު ގޮތް ގޮތަށް ކުރިއަށް ގެންދާ މަޝްރޫއުތަކެއް ކަމަށެވެ.
ވަޒީރު ވިދާޅުވީ ކޮންމެ ގައުމަކުންވެސް ހިލޭ އެހީދިނުމަށް ހާއްސަ އުސޫލުތަކާއި ގަވާއިދުތަކެއް ކަނޑައަޅާފައިވާއިރު ޗައިނާއިންވެސް މާލޭގެ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ކުރަމުންދަނީ އެ އުސޫލުތަކުގެ ތެރެއިން ކަމަށެވެ. އެގޮތުން، އެ ގައުމުގެ ހިލޭ އެހީގައި ހިންގާ މަޝްރޫޢުތަކުގައި ފީސިބިލިޓީ އާއި ސާވޭ އާއި ޑިޒައިނިން އަދި ކޮންސްޓްރަކްޝަން ކަންކަން ވަކިން ޓެންޑަރކޮށް، ޕްރޮކިޔަރ ކުރާ ކަމަށާއި މަސައްކަތް ލަސްވެގެންދަނީ އެ ސަބަބުން ކަމަށެވެ.
މާލޭގެ މަގުތަކުގެ މަޝްރޫއު މިހާރު އޮތީ ޑިޒައިނިންގެ މަރުހަލާގައިކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ އެ މަސައްކަތް ޗައިނާ ސަރުކާރުން ހަވާލުކުރި ފަރާތުން މި މަހުގެ ތެރޭގައި ރާއްޖެ އަންނާނެ ކަމަށެވެ. އަދި އެ މަސައްކަތް ނިމުމުން މަޝްރޫޢުގެ ކޮންޓްރެކްޓަރު ހޮވުމަށް ޗައިނާ ސަރުކާރުން ޓެންޑަރ ކުރާނެ ކަމަށާއި ކޮންޓްރެކްޓަރާ މަސައްކަތް ހަވާލުކުރެވުމުން އަމަލީ މަސައްކަތް ފެށޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މާލޭގެ މަގުތައް ހެދުމަށް ފީސިބިލިޓީ ސްޓަޑީ ހަދަން ރާއްޖެއަށް އައި ޗައިނާގެ ޓީމުން، މަގުތަކުގައި ފެންބޮޑުވާތީ ސާވޭކޮށް، ޑިޒައިންހެދުމަށް އަންގާފައިވާ ކަމަށެވެ. އެހެންވެ، އެ މަޝްރޫއުގެ މަސައްކަތް ދެބަޔަކަށް ބަހާލައިގެން، އެހެނިހެން މަގުތަކުގެ ޑިޒައިނިންގެ މަސައްކަތް ކުރިއަށްދާއިރު މަޖީދީ މަގުގެ މަސައްކަތް ކުރިއަށްދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޖަޕާނުގެ ހިލޭ އެހީގެ ދަށުން ހިންގަމުންދާ މަޝްރޫޢުތަކާއި އިންޑިއާގެ ލައިންއޮފް ކްރެޑިޓްގެ ދަށުން ހިންގަމުންދާ މަޝްރޫޢުތަކަށްވެސް ގިނަ ދުވަސްތައް ނަގާކަން ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވަނީ ފާހަގަކުރައްވާފައެވެ.
ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި މާލޭގެ އިރުމަތީ ފަރާތުގެ ތޮށި މަރާމާތު ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ އިރު، މި މަސައްކަތަކީ ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފަހުކޮޅުން ފެށިގެން މަސައްކަތް ކުރަމުން ދިޔަ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. މިދިޔަ ސަރުކާރުގައި އެކަމުގެ ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވި، އަމަލީ މަސައްކަތާ ހަމައަށް މި ދަނީ މިވެރިކަމުގައި ކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.

