މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ކުރާ އަސަރުތައް ކުޑަކުރުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޚަރަދު ކުޑަކުރުމުގެ އިތުރު ފިޔަވަޅުތަކެއް އެޅުމަށް ޕްރައިވެޓައިޒޭޝަން އެންޑު ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފިއެވެ.
ޕީސީބީން ކުންފުނިތަކަށް ފޮނުވާފައިވާ ސާކިއުލާގައިވާ ގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑައަރީ ކުންފުނިތަކުން ޚަރަދުކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް މިދިޔަ މާރިޗު 30 ގައިވެސް އަންގާފައިވެއެވެ. އޭރު ޕީސީބީން ނެރުނު ސާކިއުލާގައި މައިގަނޑު ފިޔަޔަވަޅަކަށް ފާހާގަކޮށްފައިވަނީ ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް ފިޔަވާ ކޮންމެހެން ކުރަންޖެހޭ ދަތުރުތައް މަދުކުރުމަށެވެ. މިފިޔަވަޅުތަކުގެ އިތުރަށް، މިހާރުގެ ހާލަތައް ރިއާޔަތްކޮށް އިތުރު ފިޔަވަޅުތަކެއް އެޅުމަށް ޕީސީބީން ކުންފުނިތަކަށް މިހާރު ވަނީ އަންގާފައެވެ.
ޕީސީބީން އިތުރަށް އެޅުމަށް އެނގި ފިޔަވަޅުތަކުގެ ތެރޭގައި މުސާރައިގެ ކަންކަން މެނޭޖްކުރުމާއި، ދެމެހެއްޓެނި ގޮތްތަކަށް ކުންފުނި ހިންގުމުގައި އިސްކަން ދޭން ހާއްސަ ފިޔަވަޅުތަކެއް އެޅުން ހިމެނެއެވެ.
ޕީސީބީގެ ސާކިއުލާގައި އެޅުމަށް އަންގާފައިވާ ފިޔަވަޅުތައް:
1. ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރާ ހަރަދު ބޮޑުތަނުން ކުޑަރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުން.
2. ރަސްމީގަޑީގައި މަސައްކަތްތައް ނިންމޭނެގޮތަކަށް ކުންފުނީގެ މަސައްކަތްތައް ރޭވުމާއި، ރަސްމީގަޑީގެ ބޭރުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް މެނުވީ އިތުރުގަޑީގައި މަސައްކަތްނުކުރުން.
3. މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުން މިވަގުތަށް ހުއްޓާލުމާއި އަދި ކުންފުނިން މިހާރު ފާސްކޮށްފައިވާ އިދާރީ އޮނިގަނޑުގައި ހިމެނޭ މަޤާމެއްކަމުގައި ވީނަމަވެސް، ކުންފުނީގެ އޮޕަރޭޝަންތައް ނުހުއްޓި ކުރިއަށް ގެންދިއުމަށް ކޮންމެހެން ނަގަންޖެހޭ މުވައްޒަފުން ފިޔަވައި އިތުރު މުވައްޒަފުން މަޤާމުތަކަށް ނުނެގުން.
4. އިޤްތިސާދީ ހިރާސްތަކަށް ރިއާޔަތްކޮށް ކުންފުނީގެ ކޭޝްފުލޯ ދަތިނުވެ، ދެމެހެއްޓެނިވިގޮތަކަށް ކޭޝްފުލޯ މެނޭޖުކުރުމަށްޓަކައި، މުވައްޒަފުންގެ މުސާރައިގެ ހަރަދުތައް މެނޭޖުކުރުމުގައި އަޅަންޖެހޭ އެންމެހާ އެހެނިހެން ފިޔަވަޅުތައް އެޅުން.
5. ކުންފުނީގެ ހިންގާ ގަވާއިދާއި، އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ހަރަދުތައް ފިޔަވައި އެހެނިހެން ހަރަދުތައް ކުންފުނިން ނުކުރާކަން ޔަގީންކުރުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުން.
6. މެދުއިރުމަތީގެ ހަމަނެޖެހުންތަކާއި ގުޅިގެން އިޤްތިސާދަށް ކުރާނެ އަސަރުތަށް ދިރާސާކޮށް ފިޔަވަޅުތައް އެޅުމާއި، ރައްޔިތުންނަށް ކޮށްފާނެ މާލީ ބުރަތަކަށް ވިސްނައިގެން ފިޔަވަޅުތައް އެޅުމަށް ސަމާލުކަންދިނުން.
7. ކޮންމެހެން ބާއްވަންޖެހޭ ހަފްލާތައް މެނުވީ ނުބޭއްވުމާއި، އަދި ހަފްލާތައް ބޭއްވުމުގައި ވަސީލަތްތައް ހުރި ކުންފުނިތަކުން އެހެން ކުންފުނިތަކަށް ވަސީލަތްތައް ހިއްސާކުރުމާއި، ހަފްލާތަކަށް ކުރާ ހަރަދު ވީހާވެސް ކުޑަކުރުން.
8. ދެމެހެއްޓެވިނިވި ގޮތެއްގައި ކުންފުނީގެ ހަރަދުތައް މެނޭޖްކުރުމަށްޓަކައި މި ސަރކިއުލަރގައި ބަޔާންކުރާ އެންމެހައިކަންތައްތަކާއި، އަދި މި ނޫނަސް އެޅުން މުހިންމު އެހެނިހެން ފިޔަވަޅުތައް ކުންފުނީގެ ބޯޑުން އެޅުން.
މީގެ ކުރިން މިދިޔަ މަހުގެ 30 ވަނަ ދުވަހު ކުންފުނިތަކުގެ ޚަރަދުތައް ހިފެހެއްޓުމަށް ދަތުރުކުރުމުގައި ހިފެހެއްޓުންތައް ގެންގުޅުމަށް ޕީސީބީން ވަނީ އަންގާފައެވެ.
ކުންފުނިތަކަށް މީގެ ކުރިން އަޅަން އަންގާފައިވާ ފިޔަވަޅުތައް:
1. ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ކުރުން މިވަގުތަށް ހުއްޓާލުން.
2. ރާއްޖެއިން ބޭރަށްކުރާ ދަތުރުތައް މަދުކޮށް، ބައިނަލްއަޤްވާމީ ކަސްޓަމަރުންނާއި ސަޕްލަޔަރުންނާއި އޮންލައިންކޮށް ބައްދަލުކުރުން.
3. ރާއްޖެއިން ބޭރަށް ކުރާ ރަސްމީ ދަތުރުތަކުގައި ބިޒްނަސް ކްލާހުން ދަތުރު ނުކުރުން.
4. ދަތުރުގެ ހުރިހާ ހަރަދެއް ބޭރުގެ ފަރާތްތަކުން ދޭ ދަތުރުގެތަކުގައި ކުންފުނިން ކުރާ ހަރަދު ވީހާވެސް ކުޑަކުރުން.
5. ރާއްޖެއިން ބޭރަށް ކުރާ ޓްރެއިނިންގ ދަތުރުތައް މިވަގުތަށް ހުއްޓާލައި، މިފަދަ ޕްރޮގްރާމްތަކުގައި އޮންލައިންކޮށް ބައިވެރިވުން.
6. ފެރީގެ ޚިދުމަތް ލިބޭ ސަރަހައްދުތަކުގައި ކުރަންޖެހޭ ދަތުރުތައް ފެރީ މެދުވެރިކޮށް ކުރުން.
7. ކުންފުންޏަށް ސީދާގޮތުން ފައިދާވާ ބޭރުގެ މަހާސިންތާތަކާއި، ފެއަރތަކުގައި ނޫނީ ބައިވެރިނުވުން.
8. ކުންފުނި ހިންގުމުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވެން ހުރިނަމަ، ވީ އެންމެ ފުޅާ ދާއިރާއެއްގައި އެކަން ކުރުން އަދި ކަރަންޓުގެ ހަރަދު ކުޑަކުރުން.
ދައުލަތުގެ ކުންފުނިތަކުގެ ޚަރަދުތައް ކުޑަކުރުމަށް ޕީސީބީން އަންގާފައިވާއިރު، ދައުލަތުގެ އެކި އިދާރާތަކުންވެސް ދަނީ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. އޭގެ ތެރޭގައި މަސައްކަތުގެ ވަގުތުތަކަށް ބަދަލު ގެނައުމާއި، ބޭރުގެ ޤައުމުތަކަށް ކުރާ ދަތުރުތައް ހުއްޓާލުން ހިމެނެއެވެ. އޭގެ ބަދަލުގައި އޮންލައިކޮށް ބައްދަލުވުންތައް ބޭއްވުމަށް އިސްކަން ދޭން ސަރުކާރުން ވަނީ ނިންމާފައެވެ.


