ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލާފައިވާ މުއްދަތު އިތުރުކޮށްފިއެވެ.
ހައުސިން މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނީ ކުރިން މި މަހުގެ 31 ގެ ނިޔަލަށް ހަމަވާގޮތަށް އޮތް މުއްދަތު މިހާރު ވަނީ 15 ޖޫން 2026 ވާ ހޯމަ ދުވަހުގެ 23:59 އާ ހަމައަށް އިތުރުކޮށްފަ ކަމަށެވެ.
އެގޮތުން މިނިސްޓްރީން ބުނި ގޮތުގައި މި މުއްދަތު އިތުރުކުރަން ނިންމީ އަޟްޙާ އީދާ ގުޅިގެން ގިނަ ބަޔަކު ޗުއްޓީއަށް ރަށުން ބޭރަށް ދާނެތީ ކަމަށެވެ. އެގޮތުން ސަރުކާރު ބަންދުވުމުގެ ސަބަބުން ލިޔެކިއުންތައް ހަމަކުރުމުގައި ދަތިތަކެއް ކުރިމަތިވަމުންދާ ކަމުގެ ޝަކުވާ ލިބިފަވާތީ އެކަމަށް ހައްލު ހޯދުމަށް ކަމަށެވެ. އެހެންކަމުން ކަނޑައެޅިފައިވާ މުއްދަތުގައި ފޯމު ހުށަހެޅުމަށް ގިނަ ފަރާތްތަކަކަށް އުނދަގޫތަކެއް ކުރިމަތިވަމުންދާކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
މިނިސްޓްރީން ވަނީ ފޯމު ހުށަހަޅާ ފަރާތްތަކުން ބޭނުންވާ ސްކީމަށްތޯ ފޯމު ހުށަހެޅެނީ ޔަގީން ކުރުމަށް ހުރިހާ ލިޔެކިއުންތަކެއް ފުރިހަމައަށް ހުރިތޯ ކަށަވަރުކުރުމަށް ވެސް އިލްތިމާސްކޮށްފައެވެ. އަދި ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށްފަހު، އެޕްލިކޭޝަން ހުށަހެޅިފައިވާކަން ޕޯޓަލުން ކަށަވަރުކުރުމަކީ މުހިންމު ކަމެއް ކަމަށްވެސް ފަހަގަ ކޮށްފަވެއެވެ.


