ހަލާލު ޓޫރިޒަމް މޮޑެލްގެ ދަށުން ރިސޯޓް ތަރައްޤީކޮށް ހިންގުމަށްޓަކައި ށ.ފުށިފަރު ބީލަމަށް ހުޅުވާލާފައިވާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ބުނީ ހަލާލު ޓޫރިޒަމް ހިންގުމަށްޓަކާ ދޫކުރާ ރަށްރަށުގެ ލިސްޓަށް މިހާރު ށ. ވަށަފަރު އިތުރުކޮށްފައިވާ ކަމަށެވެ.
ވުޒާރާއިން މިކަން ހާމަކޮށްފައިވަނީ އެ ވުޒާރާއިން ނެރެފައިވާ ބީލަން ފޮތުގެ ފުރަތަމަ އިސްލާހުގައެވެ.
އެވުޒާރާއިން ބުނީ ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން ހަލާލް ޓޫރިޒަމް މޮޑެލްއަށް ރިސޯޓު ތަރައްޤީކުރަން ޝައުގުވެރިވާ ފަރާތްތަކަށް މިހާރު ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މެއި މަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 11:00 އެވެ.ށ. ފުށިފަރުގެ އިތުރުން ހަލާލު ޓޫރިޒަމް މޮޑެލްއަށް އިތުރު ތިން ސަރަހައްދެއް ވަނީ ކަނޑައަޅާފައެވެ.
ހދ. މަކުނުދޫ: 200 ހެކްޓަރުގެ ބިން (150 އެނދު)
ށ. ފުށިފަރު: 4.34 ހެކްޓަރުގެ ބިން (100 އެނދު)
ލ. ފޮނަގާދޫ: 8.18 ހެކްޓަރުގެ ބިން (100 އެނދު)
ސ. ދޮންހެރަ: 8.38 ހެކްޓަރުގެ ބިން (100 އެނދު)
މި ރަށްރަށް 50 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާއިރު، ކުއްޔަށް ދޫކުރާ ތާރީޚުން ފެށިގެން 36 މަސްދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފަށަންޖެހެއެވެ. އަދި މި ރިސޯޓުތައް ތަރައްޤީކުރުމަށް ބިން ހިއްކުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ. ހަލާލު ޓޫރިޒަމް ކޮންސެޕްޓަށް ރިސޯޓު ތަރައްޤީކުރާ ފަރާތްތަކަށް ގިނަ ލުއިތަކެއް ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން، އިކުއިޒިޝަން ފީ އާއި ކޯސްޓް 5 ނުވަތަ 6 އަހަރަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން، އިމްޕޯޓް ޑިއުޓީން %20 އާ ހަމައަށް މައާފްކޮށްދިނުމާއި، ގްރޭސް ޕީރިއަޑްގެ ކުރިން އޮޕަރޭޝަނަށް އަންނަ ރަށްރަށުގެ ބިމު ކުލި މައާފްކޮށްދިނުމަށްވެސް ވަނީ ނިންމާފައެވެ.
ށ. ފުށިފަރު ލިސްޓަށް އިތުރުކުރުމާ ގުޅިގެން، ބީލަން ފޮތް ގަތުމުގެ ސުންގަޑިއަށާއި ބީލަން ހުށަހަޅަންޖެހޭ ތާރީޚަށް ވަނީ ބަދަލު ގެނެސްފައެވެ. މީގެ އިތުރުން، އާންމު އުސޫލުން 13 ސަރަހައްދެއްގައި ރިސޯޓު ތަރައްޤީކުރުމަށް ހުޅުވާލާފައިވާ ބީލަމުގެ މުއްދަތުވެސް ވަނީ އަންނަ މެއި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.

