ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރާއްޖޭގެ ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާތީ، ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން އިލްތިމާސްކޮށްފިއެވެެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން ވެސް އެކަށީގެން ވާކަމަށެވެ.
ވައިޖެހޭނެކަމަށް ލަފާކުރަނީ ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލު ބާރު މިނުގަ އެވެ. ވިލަގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލާއި ދެމެދުގެ ބާރުމިނަކަށް ވައިގަދަވާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.
ރާއްޖޭގެ ކަނޑުތަކަށް ބަލާއިރު ދެކުނާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެކަމަށާއި އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެކަމަށް އެ އިދާރާއިން ބުނެއެވެ.
އަދި ދެކުނާއި މެދުރާއްޖެ ތެރޭގެ ރާޅުގެ އުސްމިން ހުންނާނީ 5 ފޫޓާއި 8 ފޫޓާއި ދެމެދުގައި ކަމަށާއި، އުތުރުގައި ހުންނާނީ 3 ފޫޓާއި 6 ފޫޓާއި ދެމެދުގައި ކަމަށެވެ.
އެ އިދާރާއިން ވަނީ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އުދައިގެ އަސަރުކޮށްފާނެތީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
ކަނޑުތައް ގަދަވެ، އުދައެރުމުގެ ފުރުސަތު އޮތުމާއެކު، ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ ވަނީ އިލްތިމާސްކޮށްފައެވެ.

