logo

ފުވައްމުލަކުން ހައްޔަރުކުރި މަސްތުވާތަކެތީގެ ބޮޑުން ކަމަށް ތުހުމަތުވާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް

އާމިނަތު މޫސާ
10 ގަޑިއިރު ކުރިން

ފުވައްމުލައް ސިޓީގައި މަސްތުވާތަކެތީގެ ވިޔަފާރީގައި އިސް ދައުރެއް އަދާކުރާ ކަމަށް ތުހުމަތުކޮށް، މީގެ އަހަރެއް ކުރިން މަނީލޯންޑަރިންގެ ދައުވާ ކޮށްފައިވާ ދެ މީހުން އަލުން ހައްޔަރުކޮށްފިއެވެ.

މި މައްސަލަގައި ހައްޔަރުކުރީ، ޏ. ފުވައްމުލަކު ދޫޑިގަން، ކަރަންކާވިލާ އުމުރުން 35 އަހަރުގެ އަޙުމަދު ނިއުޝާދާއި ޏ. ފުވައްމުލަކު ދޫޑިގަން، ޒަމާނީގެ އުމުރުން 30 އަހަރުގެ ޙަސަން ޢާޒިމެވެ.

ފުލުހުން އެ މީހުންގެ މައްޗަށް ތުހުމަތުކުރަނީ، ފުވައްމުލަކުގައި ފުޅާ ދާއިރާއެއްގައި ޑުރަގު ވިއްކާ ކަމަށެވެ. އެންމެ ފުރަތަމަ އެ މީހުން ހައްޔަރުކުރީ، ޑިސެމްބަރު ނުވައެއް، 2024ގައެވެ. އޭގެފަހުން، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރިއެވެ.

އެކަމަކު، ދައުލަތުން ވެސް އެއްބަސްވާ ގޮތަށް ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުރި ކަމަށް ބަޔާންކުރުމަށް ފަހު، ޝަރީއަތް ނިމެންދެން ބަންދު ކުރަން ނިންމުމަކީ ޖިނާއި އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ކަމަށް ބުނެ، ހައިކޯޓުން ވަނީ މިދިޔަ އަހަރުގެ ޖަނަވަރީ ނުވައެއްގައި އެ މީހުން މިނިވަންކޮށްފައެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަނެއްކާވެސް އަމުރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލާގައި އެ މީހުން ހައްޔަރުކޮށްފައި ތިއްބާ ހައި ކޯޓުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ވެސް އެ މީހުން ބަންދުން ދޫކުރި އެވެ. އޭގެފަހުން، އާ އަމުރެއްގެ ދަށުން ހައްޔަރުކުރި އެވެ.

ޕީޖީ އޮފީހުން ކުރިން ނެރުނު ބަޔާނުގައި ބުނީ އާޒިމް އިސްވެ ހުރެ ނިއުޝާދާ ދެ މީހުން ވެގެން މަސްތުވާތަކެތި ވިއްކުމަށްޓަކައި ފުވައްމުލަކުގައި ނެޓްވޯކެއް ގާއިމްކޮށް، އެ ތަކެތި ބާޒާރަށް ނެރުމަށް ހަރަކާތްތެރިވެފައިވާކަން ފުލުހުންގެ ތަހުގީގުން އެނގޭ ކަމަށެވެ. އަދި "ޑީލަރުންނަށް" މުސާރަ ދީގެން، މަސްތުވާތަކެތި ވިއްކައިގެން ފައިސާ ހޯދާފައިވާ ކަމަށާއި އަދި ކްރެޑިޓަށް ދޫކޮށްފައިވާ މަސްތުވާތަކެތީގެ ހިސާބުތައް ވަކި ތަރުތީބަކުން ބަލަހައްޓާފައިވާކަން ވެސް ތަހުގީގަށް އެނގޭ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެ މައްސަލާގައި އެ ދެ މީހުންގެ މައްޗަށް ކޮށްފައިވަނީ ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

އާޒިމްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލީ މަސްތުވާތަކެއްޗާ ގުޅުންހުރި އެކި މީސްމީހުންގެ އެކައުންޓުތަކުން ޖުލައި 2019 އިން ފެށިގެން އޮގަސްޓް 2024 އާ ދެމެދު އޭނާގެ އެކައުންޓުތަކަށް ޖަމާކުރި ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާއަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ޝައްކު ކުރެވޭއިރު އެ ފައިސާ އާޒިމްގެ އަތުގައި ބަހައްޓައި، ބޭނުންކޮށްފައިވާތީ އެވެ.

ad