ތިބޭފުޅުން ތިހީކުރާ އެމްޑީޕިއެއް މިހާރު މި ރާއްޖޭގައި ނެތް ކަމަށާއި، އެމްޑީޕީގަ ތިބީ ދަލު ބޭރުން ޖެހިގެން ތިބޭ ބައެއް ކަމަށް މާލޭ ފުރަތަމަ މޭޔަރ ސަރނގު އާދަމް މަނިކު ވިދާޅުވެއްޖެއެވެ.
ސަރަނގު އާދަމްމަނިކު މިހެން ވިދާޅުވީ ޕީޕަލް ނެޝަނަލް ކޮންގްރެސް ޕާޓީން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ މޭޔަރަކަށް ވާދަކުރައްވާ މޭޔަރ ކެންޑިޑޭޓް އަށް އެންޑޯޒް ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ވިދާޅުވީ އެމްޑީޕީގެ އިސްސަފުގައި ތިބީ ޑީއާރުޕީއަށް ނިސްބަތްވާ މީހުން ކަމަށާއި، މިއަދު އެމްޑީޕީ ނަމުގައި ފެންނަނީ އެމްޑީޕީ ނޫން ކަމަށެވެ.
ކޮންމެ ގޮތެއްވިޔަސް އެމަނިކުފާނު ބަލާނީ އާއިލާއާއި އުޅޭތަނާއި ގައުމަށް ފައިދާހުރި ގޮތަކަށް ކަންކަން ނިންމެވޭނެ މޮޅު ގޮތް ކަމަށެވެ. އަދި ކުރިއަށް އޮތް ފަސް އަހަރަށް މާލޭ ބޭކާރު ތަނެއްގެ ގޮތުގައި ފެންނާކަށް ބޭނުން ނުވާ ކަމަށެވެސް ވިދާޅުވިއެވެ.
އެމްޑީޕީގެ އިސްސަފުގައި ވަރަަށް ބޮޑަށް މީގެ ކުރިން މަސައްކަތް ކުރެއްވި އާދަމްމަނިކު އިތުރަށް ވިދާޅުވީ އޭރު އެމްޑީޕީގައި ކުރެއްވި މަސައްކަތްތައް ބޭކާރު ކޮށްލީ ކަމަށެވެ. އަދި އެންމެ ފުރަތަމަ ވެރިކަަށް އައިސް އޭރުވި ގުރުބާނީ މިހާރުވެސް ހަނދާނެއް ނެތް ކަމަށެވެ. އަދި ކުރީގެ ހަނދާނެއް އާ ކުރަމުން ވިދާޅުވީ މީގެ ކުރިންވެސް އެމްޑީޕީއާއި ދިމާލަށް މުގުރުބުރި ހިފައިގެން ދުވި މީހުން މިހާރު ތިބީ އިސްސަފުގަ ކަމަށެވެ. އެމްޑީޕީގެ ރައީސް އަބްދުއްﷲ ޝާހިދު އަދި ކުރީގެ އެމްޑީގެ ޗެއާރ ޕާސަން ފައްޔާޒަށް ވެސް ފާޑު ވިދާޅުވިއެވެ. އެގޮތުން އެމަނިކުފާނު ވަނީ އެބޭފުޅުންނަކީ އެެމްޑީޕީ މީހުންކަމާއި މެދު ސުވާލުވެސް އުފައްދވާފައެވެ. އެމަނިކުފާނު ވިދާޅުވީ މިއީ ވިސްނަވަންޖެހޭ ކަމެއް ކަމަށާއި، ބަޔަކު އެއްޗެއް ބުނީމަ އެންމެން ގަބުލުކޮށްގެން ތިބުމަކީ އަދި އެންމެ ރަނގަޅު ގޮވެސް ނޫން ކަމަށެވެ.
އާދަމްމަނުކު އިތުރަށް ވާހަގަކަ ފުޅު ދައްކަވަމުން ފާހަގަކުރެއްވީ އަދިވެސް އެމަނިކުފާނަކީ އެމްޑީޕީ މީހެއް ކަމަށާއި، އެމްޑީޕީ އެމްޑީޕީގެ ގޮތުގަ ފެނިއްޖެ ނަމަ އެ ދުވަހަކުން އަލުން އެމްޑީޕީގެ މީހެއްގެ ގޮތުގަ ފެންނާނެ ކަމަށެވެ. އަދި އެމަނިކުފާނަކީ ކުރީގެ ރައިސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ ބޭފުޅެއް ކަމަށް ވެސް ވިދާޅުވިއެވެ.


