logo

ޙައްޖުގެ އަގު ބޮޑުނުކޮށް، ޙައްޖުވެރިންނަށް ދޭ ޚިދުމަތްކަށް ބޮޑެތި ކުރިއެރުންތަކެއް ގެނެވުން: ރައީސް

އާމިނަތު މޫސާ
5 ގަޑިއިރު ކުރިން

ޙައްޖުވެރިންގެ އަތުން ނަގާ އަގަށް ބަދަލެއް ނުގެނެސް، ޙައްޖުވެރިންނަށް ދެމުންދާ ޚިދުމަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ގެނެވި، ލުއިފަސޭހަކަން ގެނެސްދެވިފައިވާކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޙައްޖާޖީންނަށް ލުއިފަސޭހަކަން ފޯރުކޮށްދިނުމަށް ސަޢުދީ ސަރުކާރުން ފަށާފައިވާ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދާޢިމީ މެމްބަރުކަން 8 ވަނައަށް ލިބުނު ޤައުމުގެ ގޮތުގައި ދިވެހިރާއްޖެ ހަމަޖެހި ދިވެހި ޙައްޖާޖީންނަށް ދުވަހަކުވެސް ލިބިފައިނުވާ ޒަމާނީ ފަސޭހަކަން ވަނީ ލިބިގެން ގޮސްފައިވާކަމަށާއި، މިނާގައި ދިވެހިންނަށް ޒަމާނުންސުރެ ލިބެމުން ދިޔަ ސީ ކެޓެގަރީގެ ޚިދުމަތުން ބީ ކެޓަގަރީއަށް މަތިކޮށް، ޚިދުމަތްތައް ބޮޑުތަނުން ރަނގަޅުކުރެވިފައިވާނެކަމަށެވެ.

އަދި މީގެ އިތުރުން މައްކާއިން މަދީނާއަށް ބަހުގައި ކުރަމުން އައި ދިގު ދަތުރު، ފުރަތަމަ ފަހަރަށް ހައި ސްޕީޑް ރޭލުގައި ކުރަން ފަށާފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޙައްޖުގެ އަޅުކަމުގެ ތެރޭގައި ދިވެހިންނަށް ހިލޭ ބޭސްފަރުވާގެ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި އަދި ޙައްޖުވެރިންގެ ސިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސަޢުދީ ޢަރަބިއްޔާގެ ހޮސްޕިޓަލަކާއެކު އެއްބަސްވުމެއް ޤާއިމްކޮށް ޙައްޖުވެރިން ތިބޭ ހޮޓަލުގައި ފެންވަރު ރަނގަޅު މެޑިކަލް ކްލިނިކެއްގެ ޚިދުމަތް ދޭންވެސް ފެށިފައިވާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މައްކާއާއި މަދީނާގެ ހުރުމާއި، އަދި ގުޅިފައިވާ އެހެންކަންކަންވެސް ހިމެނޭހެން މިއަހަރުގެ ޙައްޖާ ގުޅޭ ކަންކަން ސަޢުދީ ޢަރަބިއްޔާގައި އެންމެ ފުރަތަމަ 100 އިންސައްތަ ފުރިހަމަކުރި 8 ޤައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭކަން ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

އަދި ޙައްޖުގެ ކަންކަމުގައި ސަޢުދީ ސަރުކާރުގެ ފަރާތުން ދެއްވަވާ ފުރިހަމަ އެއްބާރުލެއްވުމަށް ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއާއި ވަލީއަޙްދު މުޙައްމަދު ބިން ސަލްމާނަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ad