ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރު 12 އަހަރަށް ތިރިކުރުމާ ގުޅޭގޮތުން ސަރުކާރުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު ކަނޑައެޅުމަކީ ވަރަށް ފުޅާ ދާއިރާއެއްގައި މިހާރުވެސް މަޝްވަރާކުރެވެމުންދާ މައުޟޫއެއް ކަމަށެވެ. އެގޮތުން، މިހާރު ގާނޫނުގައި އޮތް 15 އަހަރުގެ ބަދަލުގައި، އެ އުމުރު 12 އަހަރަށް ތިރިކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމަށެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މި ބަދަލު ގެނައުމުގެ އަސްލު މަގުސަދަކީ 12 އަހަރުގެ ކުދިންނަށް އަދަބު ދިނުމެއް ނޫން ކަމަށާއި، ނަމަވެސް، މިހާރު ރާއްޖޭގެ ހާލަތަށް ބަލާއިރު 13 އަހަރާއި 14 އަހަރުގެ ކުދިން ކުށްތަކަށް އެކްސްޕޯސްވެ، އެކުދިން ރިސްކުތަކަށް ހުށަހެޅެމުންދާ މަންޒަރު ފެންނަމުންދާތީ ކަމަށެވެ.
އަދި ގާނޫނު މިހާރު އޮތްގޮތުން އެ އުމުރުގެ ކުދިން ޒިންމާދާރު ޒުވާނުންގެ ގޮތުގައި މުޖުތަމައަށް ނެރުމަށް ޓަކައި އެކުދިންނާއެކު މަސައްކަތް ކުރުމުގައި ބޮޑެތި ހުރަސްތަކަކާއި ލިމިޓޭޝަންތަކެއް އެބަހުރި ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
އެހެންކަމުން، މި މަސައްކަތް އިތުރަށް ފުޅާކޮށް، ހާއްސަކޮށް ރީހެބިލިޓޭޝަން އެޕްރޯޗަކުން ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޖާގަ ހޯދުމަށް ޓަކައި އެ އުމުރު 12 އަހަރަށް ތިރިކުރަން ވިސްނަމުންދާ ކަމަށް އިހްސާން ވިދާޅުވިއެވެ. މީގެއިތުރުން، ޖިނާއީ އަދަބު (ކްރިމިނަލް ޕެނަލްޓީ) ދީގެން ތަންފީޒީ މަރުހަލާއަށް ދާންވީ ކޮން އުމުރަކުންތޯ ވެސް ބަލަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، ކުށްކުރާ ފަރާތްތަކުން އަމާޒު ހިފަނީ ކޮން އުމުރުފުރައެއްގެ ކުދިންނަށްތޯ ބަލައި، އެފަދަ ކުދިން ތައުލީމާއި ތަރައްގީގެ ތެރޭގައި ޝާމިލުވާ މިންވަރަށް ރިއާޔަތްކުރަމުންދާ ކަމަށެވެ. އަދި ދާއިރާގެ ތަޖުރިބާކާރުންގެ ލަފަޔާއި އިރުޝާދު ހޯދައިގެން ރެސްޓްރިކްޝަންތައް އަޅަންވީ ކޮން ހިސާބަކުންތޯ ވެސް ދަނީ ބަލަމުންނެވެ. އެގޮތުން، ކުދިން ރައްކާތެރިކުރުމުގެ ފިޔަވަޅެއްގެ ގޮތުން، މީސްމީޑިއާގެ ބައެއް މަންސަތައް 16 އަހަރުން ދަށުގެ ކުދިންނަށް މަނާކުރުމާ ގުޅޭގޮތުން ވެސް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

