logo

ރަސްމާލެ މައްސަލައިގައި ފެންނަ ނުފެންނަ ވޯޓަށްދާން ހުށަހެޅި ގަރާރު ކޮމިޓީއަށް

މަރްޔަމް
3 ގަޑިއިރު ކުރިން
ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް

ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް

ފުށިދިއްގަރު ފަޅުގައި ތަރައްޤީކުރުމަށް ސަރުކާރާއި އީގަލް ހިލްސް ކުންފުންޏާ ދެމެދު ހަދާފައިވާ އެއްބަސްވުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ހުށައެޅި ޤަރާރު، ދިރާސާކުރަން މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ފޮނުވައިފި އެވެ.

މި ޤަރާރު ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް އެވެ. މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ ގަރާރު ދިރާސާކުރަން މާލިއްޔަތު ކޮމެޓީއަށް ފޮނުވިކަން އިއުލާން ކުރައްވާފަ އެވެ.

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގައި ބުނާ ގޮތުން މަޖިލީހަށް ލިބިގެންވާ ގާނޫނު ހެދުމުގެ ބާރުގެ ތެރެއިން ކަމެއް ނިންމުމުގައި އާންމު ރައްޔިތުންގެ ހިޔާލު ހޯދުން މުހިންމުކަމަށް މަޖިލީހަށް ފެންނަ ކަންކަމުގައި ރައްޔިތުން ދެކޭ ގޮތް ބެލުމަށް ފެންނަނުފެންނަ ވޯޓެއް ނަގަން ރައްޔިތުންގެ މަޖިލީހަށް ނިންމި ދާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ގައިވާ ގޮތުގެމަތިން ރައްޔިތުންގެ ހިޔާލު ހޯދުން މުހިންމުކަމަށް ފެންނަ ހާލަތްތަކުގައި މަޖިލިސް މެންބަރަކަށް ވެސް ނުވަތަ މަޖިލީހުގެ ރައީސްއަށް ވެސް ރައްޔިތުންގެ އާންމު ވޯޓު ނެގުމަށް މަޖިލީހަށް ގަރާރެއް ހުށަހެޅިދާނެ ކަމަށެވެ. އަދި އެފަދަ ގަރާރެއް ދިރާސާކޮށް ފުރިހަމަކުރުމަށްފަހު، 14 ދުވަހުގެ ތެރޭގައި މަޖިލީހުގެ ތަޅުމަށް ފޮނުވަންވާނެ ކަމަށް ވެސް މަޖލީހުގެ ގަވައިދުގައި ވެއެވެ.

ad