logo

ކްލަބް މޯލްޑިވްސް ކަޕް '18/30' - 2025ގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބުން ހޯދައިފި

އާޝިޔާ ޞާލިޙް
11 ދުވަސް ކުރިން

ކްލަބް މޯލްޑިވްސްގެ އަންހެން މުބާރާތް، އެއިޓީން ތާޓީގެ ޗެމްޕިއަންކަން ހަތަރު ވަނަ ފަހަރަށް ދިވެހި ސިފައިންގެ ކްލަބުން ހޯދައިފިއެވެ.

މިއާއެކު ދިވެހި ސިފައިންގެ ކްލަބުން ވަނީ ކުރިން މި މުބާރާތުގައި ކްލަބް އިމިގްރޭޝަނުން ހަދާފައި އޮތް ރެކޯޑާ ހަމަކޮށްފައެވެ.

ޖުމްލަ ހަތަރު ޓީމު ކުޅުނު މި ފަހަރުގެ މުބާރާތުގެ ފައިނަލުގައި ރޭ ސިފައިން ވަނީ 4-2 އިން އެމްޕީއެލް ބަލިކޮށްފަ އެވެ. ސިފައިން އެންމެ ފަހުން، 2022 ވަނަ އަހަރު މި މުބާރާތުގެ ތަށި ހޯދީ ވެސް އެމްޕީއެލް ބަލިކޮށްފަ އެވެ. އޭގެ ކުރިން ސިފައިން މި މުބާރާތުގެ ތަށި ހޯދީ 2013 އާއި 2014 ވަނަ އަހަރު އެވެ. މި މުބާރާތް އެންމެ ގިނައިން ކާމިޔާބުކުރުމުގެ ރެކޯޑް ކުރިން އޮތް އިމިގްރޭޝަނުން ތަށި ގެނެސްފައިވަނީ، 2010، 2011، 2015 އަދި 2016 ގަ އެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފައިނަލުގައި، އެމްޕީއެލް ކޮޅަށް ސިފައިންގެ ލަނޑުތައް ޖެހީ، މަރިޔަމް ރިފާ ދެ ގޯލާއި ޒަހްރާ ގޮލިޒާދޭ ދެ ގޯލެވެ. އެމްޕީއެލްގެ ލަނޑުތައް ޖެހީ، ފާތިމަތު ޖޫޒާން ޒަރީރު އަދި ފަރާ އަހުމަދު އެވެ.

މުބާރާތުގެ ކުއީން އޮފް ފުޓްސަލްގެ މަގާމު ލިބުނީ، ސިފައިންގެ މައީޝާ އަބްދުލް ހަންނާން އަށެވެ. މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ، ސިފައިންގެ މައީޝާ، ރިފާ އަދި ޒަހްރާގެ އިތުރުން، އެމްޕީއެލްގެ ފަރާ އަދި ފާތިމަތު އިނާޝާ އެވެ. އެންމެ މޮޅު ކޯޗަށް ދޭ މާސްޓާ އޮފް އެއިޓީން ތާޓީ ލިބުނީ ސިފައިންގެ ކޯޗު، އަލީ އިބްރާހިމް އަށެވެ. ފެއާ ޕްލޭ ޓީމަކަށް އެމްޕީއެލް ހޮވުނުއިރު، ފެއާޕްލޭ ކުޅުންތެރިއަކީ އެ ޓީމުގެ ޖޫޒާން އެވެ. ފަސް ގޯލު ޖަހައިގެން، މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ސިފައިންގެ ޓީމުގެ ރިފާ އެވެ.

ad