ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޓިކެޓު ދޭނެ ބޭފުޅެއް ކަނޑައެޅުމަށް ޕީއެންސީން ބާއްވާ ޕްރައިމަރީ މާދަމާ ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
ޕީއެންސީން ކުރި އިއުލާނުގައި ބުނީ، ނިމުނު ލޯކަލް ކައުންސިލް އިންތިޚާބުގައި ހިތަދޫ ދާއިރާއަށް ރަޖިސްޓްރީވެފައިވާ މެންބަރުންނަށް ވޯޓްލެވޭނީ ހިތަދޫ ސުކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށް ކަމަށެވެ.
އަދި މާލެއާ އެހެނިހެން ރަށްރަށުގައި ވޯޓްލުމަށް ރަޖިސްޓްރީ ވެފައިވާ އެ ދާއިރާގެ މެންބަރުން ވޯޓްލުމަށް ހަމަޖެހިފައިވަނީ މާލޭ ކަލާފާނު ސުކޫލުގައި ބަހައްޓާ ވޯޓު ފޮއްޓަށެވެ.
މި ޕްރައިމަރީގައި 727 މީހަކު ވޯޓުލާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ. މި ބައި އިލެކްޝަންގެ ވޯޓްލުން އޮންނާނީ މާދަމާ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ.
ޕްރައިމަރީގެ އެންމެހާ ކަންކަން ރާވައި ހިންގާނީ ޕީއެންސީން ބުނި ގޮތުގައި އިންތިހާބާ ބެހޭ ކޮމިޓީންނެވެ. ޕްރައިމަރީ ބޭއްވުމަށް ބޭނުންވާ އިންތިޒާމުތަކާއި އަމަލު ކުރަން ޖެހޭ އުސޫލުތައް ކޮމިޓީގެ ފަރާތުން އިއުލާން ކުރާނެ ކަމަށް ވެސް ޕީއެންސީން ބުނެފައިވެއެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރަން ޕީއެންސީން ހުޅުވާލި ފުރުސަތުގައި އެ ދާއިރާގެ މެމްބަރު ކަމުގައި ކުރިން ހުންނެވި މުހައްމަދު ސިނާނާއި ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި އަހުމަދު ސައީދު (ސޮޑާ) ވަނީ ކުރިމަތިލައްވާފައެވެ.
މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މި މަހުގެ 12 ގައި ހުކުމް ކުރުމުންނެވެ.
ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ ޕްރައިމަރީ އަށް ކުރިމަތިލެއްވި ދެ ބޭފުޅުންގެ ތެރެއިން ސައީދަކީ މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ހިތަދޫ މޫލެކެޑެ ދާއިރާ އަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި ބޭފުޅެކެވެ. ނަމަވެސް އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު ނަޒީރާ ވާދަކުރައްވައި ސައީދު ބަލިވީ އެންމެ ނުވަ ވޯޓުންނެވެ. އެމްޑީޕީގެ ކެންޑިޑޭޓު ނަޒީރު 592 ވޯޓު ހޯއްދެވިއިރު ސައީދަށް ހޯއްދެވުނީ 583 ވޯޓެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން އަންނަ ޖޫން ހަ ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ނިންމައިފައެވެ.

