ހުޅުމާލޭ ރެއިން ކޯރަލް ރެސިޑަންސްގައި ޤާއިމްކޮށްފައިވާ "އެސްޓީއޯ ޕީޕަލްސް ޗޮއިސް ހުޅުމާލެ" ރަސްމީކޮށް ހުޅުއްވައިފިއެވެ.
މި ފިހާރަ ހުޅުވިގެން މިދިޔައީ، މިއަހަރުގެ ރަމަޟާން މަސް ފެށުމުގެ ކުރިން ހުޅުމާލޭގައި އެސް.ޓީ.އޯގެ އައުޓްލެޓެއް ޤާއިމުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ބަޔާނުގައި ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމެންޓް އިން ވަނީ ބުނެފައެވެ.
މިފިހާރަ ހުޅުވުމާއެކު، މާލެއެކޭ އެއްފަދައިން ހުޅުމާލެއިންވެސް، ފަސޭހަކަމާއެކު އަސާސީ ކާބޯތަކެތީގެ ލިސްޓަށް ރައީސުލްޖުމްހޫރިއްޔާ އަލަށް އިތުރުކޮށްދެއްވާފައިވާ 23 ބާވަތާއެކު ހަނޑޫ، ހަކުރު އަދި ފުށް ހިމެނޭހެން ޖުމުލަ 26 ބާވަތުގެ އަސާސީ ކާބޯތަކެތި، އާންމު ރައްޔިތުންނަށް ހެޔޮ އަގުގައި ފަސޭހަކަމާއެކު ލިބޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.
އަދި އާންމުކޮށް ކައްކާ ކެއުމުގައި ބޭނުންކުރާ ތަރުކާރީ އާއި، ބާވަތްތައް ކަމަށްވާ ރަތް ފިޔާ، އަލުވި، ބަށި، ކެރެޓު، ކެބެޖު، ބަރަބޯ، ކައްޓަލަ، އިނގުރު، ލޮނުމެދު އަދި ބޯވެލި ވެސް އާންމުންނަށް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަދި މީގެ އިތުރުން ރީނދޫ މުގާއި، ކުކުޅު ބިސް އަދި ކާށި ފަދަ ކާބޯތަކެތީގެ މުހިންމު ބާވަތްތައް ވެސް މި ފިހާރައިން ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.
މި ފިހާރަ ހުޅުވުމުގެ ބޭނުމަކީ ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް، ރައްޔިތުންނަށް ބޭނުންވާނެ އަސާސީ މުދާ ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށް ވެސް އެސްޓީއޯއިން ވަނީ ބުނެފައެވެ.
