މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ބުނީ މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން ދަނީ އިތުރުވަމުން ކަމަށާއި، ބަލިން ރައްކާތެރި ވުމަށް ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުން އިތުރު ކުރުމަށް އެޗްޕީއޭއިން އެދިފައެވެ.
އެޗްޕީއޭއިން ވަނީ ބޭރަށް ހިންގުމާއި ހޮޑުލުމުން ރައްކާތެރިވުމަށް މުހިންމު ފިޔަވަޅުތަކެއް އެޅުމަށް އިލްތިމާސްކޮށްފައެވެ. ބޭރަށް ހިންގާނަމަ އަމަލުކުރަން ވީ ގޮތުގެ ތެރޭގައި:
- ގިނަގިނައިން ލޮނުޕެކެޓް، އަދި ސޫޕް ފަދަ ދިޔާތަކެތި ބޭނުންކުރުން.
- ފާހާނާ ކުރުމަށްފަހު އަދި ކާބޯތަކެތި ތައްޔާރު ކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުން
- ފާހާނާ ބޭނުން ކުރުމަށް ފަހު ރަނގަޅަށް ސެނިޓައިޒް ކުރުން
- އަލާމާތްތައް ނުފެންނަތާ 1 ދުވަސް ވަންދެން ސްކޫލަށް ނުފޮނުވާ، އަދި މަސައްކަތަށް ނުނިކުމެ ގޭގައި އަރާމު ކުރުން
މީގެ އިތުރުންވެސް އެޗްޕީއޭއިން ވަނީ ބޭރަށް ހިންގުމާއި ހޮޑުލުން ޖެހިއްޖެ ނަމަ ގިނަގިނައިން ލޮނުޕެކެޓު، ސޫޕް، ކުރުނބާފެން ފަދަ ދިޔާތަކެތި ބޭނުންކުރުމާއި ތުއްތު ކުދިންނަށް ގާތުން ކިރުދިނުން ކުރިއަށް ގެންދިއުމަށް އިރުޝާދުދީފައެވެ.
އަދި އާދަޔާ ހިލާފަށް ބަނޑުގައި ރިއްސުމާއެކު، ލެވޭ ހޮޑުގައި ނުވަތަ ބޮޑުކަމުދާ ތަކެތީގައި ލޭގެ އަސަރުހުރެއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށްވެސް ވަނީ އިރުޝާދު ދީފައެވެ.

