logo

އެއާޕޯޓަށް ދިއުމުގެ ކުރިން ފްލައިޓާއި ގުޅޭ ފަހުގެ މައުލޫމާތު ހޯދަން އެދިއްޖެ

އާމިނަތު މޫސާ
11 ގަޑިއިރު ކުރިން

މެދުއިރުމަތީގެ ޤައުމުތަކަށް ދަތުރުކުރާ ދަތުރުވެރިން، ފުރަން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދިއުމުގެ ކުރިން ފްލައިޓާބެހޭ އެންމެ ފަހުގެ މައުލޫމާތު ސާފުކުރުމަށް އެމްއޭސީއެލުން އެދިއްޖެއެވެ.

އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ވައިގެ ހަމަލާތަކަށްފަހު، މެދުއިރުމަތީގެ މަޝްރަހް ގޯސްވެ، ގަލްފް ޤައުމުތަކުގެ މައި އެއާޕޯޓްތަކުގެ ފްލައިޓް އޮޕަރޭޝަންތައް ވަނީ ވަގުތީގޮތުން ހުއްޓުމަކަށް ގެނެސްފައެވެ.

އެމްއޭސީއެލްއިން ބުނީ ވައިގެ ސަރަހައްދު ބަންދުކުރުމުގެ ސަބަބުން ދަތުރުތަކަށް ބަދަލު އަތުވެދާނެތީ، އެއާޕޯޓަށް ދިއުމުގެ ކުރިން އެއާލައިންތަކުންނާއި ޓުއާ އޮޕަރޭޓަރުން ދޭ އެންމެ ފަހުގެ މައުލޫމާތުތައް ހޯދުމަށް ހުރިހާ ފަސިންޖަރުންނަށް ނަސޭހަތްތެރިވާ ކަމަށެވެ.

އެގޮތުން، ދަތުރުގެ ކުރިން އެއާލައިންގެ ރަސްމީ ވެބްސައިޓް ނުވަތަ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފްލައިޓްގެ ސްޓޭޓަސް ޗެކްކުރުމަށާއި، ރީބުކިންގް ނުވަތަ ޝެޑިއުލަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ޓުއާ އޮޕަރޭޓަރުންނާ ގުޅައިގެން މައުލޫމާތު ސާފުކުރުމަށް އެ ކުންފުނިން ވަނީ އެދިފައެވެ. އަދި ދަތުރުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި އިތުރު ވަގުތު ހޭދަވެދާނެ ކަމަށް ބަލައި ތައްޔާރުވުމަށް ވެސް ވަނީ އަންގާފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ފްލައިޓްތަކުގެ މައުލޫމާތު ވަގުތުން ބަލާލުމަށް އަށް ޒިޔާރަތްކުރުމަށް އެމްއޭސީއެލްއިން އިރުޝާދުދެއެވެ. މި ދަނޑިވަޅުގައި ވެސް ފަސިންޖަރުންނަށް މެދުކެނޑުމެއްނެތި ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް އެ ކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.

އެމްއޭސީއެލްއިން އިތުރަށް ބުނީ، ދިމާވެފައިވާ މި ހާލަތުގެ ސަބަބުން ފަސިންޖަރުންގެ ފަރާތުން ލިބޭ އެއްބާރުލުމާއި ކެތްތެރިކަމަށް ޝުކުރު އަދާކުރާ ކަމަށެވެ.

ad