މޯލްޑިވްސް ޒަކާތު ހައުސްއިން އިޢުލާންކޮށްފައިވާ މަތީ ތަޢުލީމުގެ ސްކޮލަރޝިޕް ޕުރޮގުރާމުގެ ދަށުން، ކަނޑައެޅިފައިވާ އިސްލާމީ ދާއިރާތައް ނޫން ދާއިރާތަކުން ކިޔެވުމަށް އެދި ވެސް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލުކުރަން ބޭނުންވާ ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމުގެ ސްކޮލަރޝިޕާއި ޚާއްޞަ ސްކޮލަރޝިޕްގެ ފުރުޞަތުތަކަށް އެދި ހުށަހެޅުމަށް ހުޅުވާލާފައިވަނީ 17 މޭ 2026ގައެވެ.
މި ސްކޮލަރޝިޕް ޕުރޮގުރާމުގެ ދަށުން މާސްޓާސް (ލެވެލް 9) އަދި ޕީ.އެޗް.ޑީ (ލެވެލް 10)އަށް ކިޔެވުމުގެ ފުރުޞަތު ހުޅުވާލައިފައިވާ ދާއިރާތަކުގެ ތެރޭގައި އިސްލާމީ ޝަރީޢާ، ޤުރުއާނާ ބެހޭ ޢިލްމު، އިސްލާމީ ތަރުބިއްޔަތު، އިސްލާމީ ދިރާސާ އަދި ޕަބްލިކޭޝަން، އިސްލާމީ ނޫސްވެރިކަން، ޢަޤީދާ، ފިޤުހު، އުޞޫލުލް ފިޤުހު، އަދި އިސްލާމީ ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ހިމެނެއެވެ.
ނަމަވެސް ސްކޮލަރޝިޕަށް އެދި ހުށަހަޅާ ފަރާތްތަކުން ހަމައެކަނި ލިސްޓުކުރެވިފައިވާ ދާއިރާތަކަށް ބަރޯސާވާކަށް ނުޖެހޭނެއެވެ. އެގޮތުން، ސޮކޮލަރޝިޕަށް އެދި ޕްރޮޕޯސަލް ހުށަހަޅާ ދާއިރާއަކީ ދިވެހި އިސްލާމީ މުޖުތަމަޢުގެ ކުރިއެރުމަށާއި ތަރައްޤީއަށް އެހީތެރިވެދޭނެ ދާއިރާއެއްކަން ބަޔާންކޮށްދެވޭ ނަމަ، އެހެނިހެން ދާއިރާތަކުން ކިޔެވުމަށް ވެސް ސްކޮލަރޝިޕަށް އެދި ހުށަހެޅޭނެއެވެ. މި ގޮތަށް ހުށަހަޅާ ޕްރޮޕޯސަލްގެ ޓެމްޕްލޭޓް ވާނީ އިޢުލާނާ އެކު އެޓޭޗްކުރެވިފައެވެ.
މި ފުރުޞަތުގެ ދަށުން ޖުމްލަ 30 ސްކޮލަރޝިޕް ދޫކުރުމަށް ހަމަޖެހިފައިވާއިރު، މީގެ ތެރެއިން 10 ފުރުޞަތު ރާއްޖޭގައި ކިޔެވުމަށް އަދި 20 ފުރުޞަތު ރާއްޖޭން ބޭރުގައި ކިޔެވުމަށް ވަނީ ޚާއްޞަކުރެވިފައެވެ.
މީގެ އިތުރުން، ޚާއްޞަ ސްކޮލަރޝިޕް ފުރުޞަތުތަކެއް ވެސް ތަޢާރަފުކޮށްފައިވެއެވެ. މީގެ ތެރޭގައި މިހާރު ސަޢުދީ ޢަރަބިއްޔާ އަދި މިޞްރުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ދޭ ސްޓައިޕެންޑް ހިމެނޭ 5 ސްކޮލަރޝިޕާއި، އަންހެނުންގެ ޞިއްޙަތާ ގުޅުންހުރި ދާއިރާތަކުން އަންހެން ޑޮކްޓަރުން ތަމްރީނުކުރުމަށް ދޭ 5 ސްކޮލަރޝިޕް ހިމެނެއެވެ.
އެޕްލިކޭޝަން އަދި ޕްރޮޕޯސަލް ހުށަހަޅާނީ އަށް އީމެއިލް މެދުވެރިކޮށެވެ. ސުންގަޑިއަކީ 16 ޖުލައި 2026 ގެ 14:00އެވެ.


