logo

އަޑިއަށްދިޔަ ބޯޓުން ގެއްލުނު މީހާ ސަލާމަތްކޮށްފި

އާމިނަތު މޫސާ
12 ގަޑިއިރު ކުރިން

މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި "އުދަރެސް" ބޯޓުން ގެއްލުނު މީހާ މިއަދު ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ގެއްލިގެން ހޯދަމުންދިޔައީ ދިވެއްސެއްކަމަށާއި، އޭނާ ފެނުނީ އޮޔާދިޔަ ޕެލެޓެއް މަތީގައި އޮއްވާ މިއަދު ހެނދުނު 10:15 އެހާކަށްހާއިރު އެ ސަރަހައްދުން ދަތުރުކުރި ސަޕްލައި ދޯންޏަކަށް ކަމަށް ފުލުހުން ބުނެއެވެ. މިމީހާ ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް މިހާރު އަންނަނީ ފަރުވާދެމުންނެވެ.

އުދަރެސް ބޯޓު ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައި އަޑިއަށްދާ ކަމުގެ މައުލޫމާތު، ފުލުހުންނަށް ލިބުނީ ރޭ ދަންވަރު 01:25 ހާއިރުއެވެ.

މި ހާދިސާ ހިނގިއިރު ބޯޓުގައި 13 މީހުން ތިބިކަމަށާއި، އޭގެ ތެރެއިން ބިދޭސީއަކު ފަތާފައި ލ. އޮޅުވެއްޔަށް އަރާފައިވާކަމަށް ފުލުހުންވަނީ ހާމަކުރައްވާފައެވެ. އަދި ބޯޓުން ދަތުރުކުރި 11 މީހަކު ރިސޯޓުގެ ދޯންޏަކަށް ނަގާފައިވާ ކަމަށާއި، އޭގެ ތެރޭގައި ދެ ދިވެހިންނާއި 9 ބިދޭސީން ހިމެނޭކަމަށް ފުލުހުން ބުނެއެވެ. މި ހާދިސާގައި ސަލާމަތްކުރެވުނު 12 މީހުންގެ ހާލުވެސް ރަނގަޅުކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ބޯޓު އަޑިއަށް ދިއުމާ ގުޅިގެން ބޯޓުގައި ހުރި މުދާތައް ލ. އޮޅުވެލީގެ ހުޅަނގަށް އޮޔާދާތީ، އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދުފަހަރުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ad