ބޮޑުތަކުރުފާނު މަގު ބްރިޖް ލައިޓް ކައިރިން ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ޕޭމެންޓް މައްޗަށް އަރައި ހިނގި އެކްސިޑެންޓެއްގައި، ސައިކަލު ފަހަތުގައި އިން 16 އަހަރުގެ ފިރިހެން ކުއްޖަކު ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މާލޭ ބޮޑު ތަކުރުފާނު މަގު ބްރިޖުގެ ލައިޓް ކައިރިން ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކޮންޓްރޯލްނުވެ ޕޭމަންޓް މައްޗަށް އަރައި އެކްސިޑެންޑް ވެފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ރޭ ދަންވަރު 1:30 ހާއިރުގައެވެ.
މިއެކްސިޑެންޓު ހިނގި އިރު ސައިކަލު ދުއްވަން އިން 19 އަހަރުގެ ފިރިހެން މީހާއާއި، ސައިކަލުގެ ފަހަތުގައި އިން 16 އަހަރުގެ ފިރިހެން ކުއްޖާއަށް އަނިޔާވެ ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ. މީގެ ތެރެއިން ސައިލަކުގެ ފަހަތުގައި އިން ކުއްޖާއަށް ފަރުވާ ދެމުން ދަނިކޮށް ވަނީ ނިޔާވެފައެވެ.
އެކްސިޑެންޓުވި ސައިކަލު ދުއްވާފައި ވަނީ އެ އުޅަނދު ދުއްްވުމުގެ ލައިސެންސް އޮންނަ މީހެއް ނޫން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

