ބޭންކް އޮފް މޯލްޑިވްސް އިން ބޭންކް ފަންޑަށް ޕްރޮޕޯސަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ބޭންކް ފަންޑަކީ ރާއްޖޭގައި ރަޖިސްޓަރ ކޮށްގެން ހިންގާ ޖަމިއްޔާ ޖަމާއަތްތަކަށް އަމާޒުކޮށްގެން އެ ފަރާތްތަކުން ހިންގަން ބޭނުންވާ ދެމެހެއްޓެނިވި އެކި މަޝްރޫޢުތައް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކޮންމެ އަހަރަކުވެސް ހުޅުވައިލާ ފުރުސަތެކެވެ.
ކޮންމެ އަހަރަކުވެސް ބޭންކް ފަންޑް ކާމިޔާބުކުރާ 5 ފަރާތަކަށް ތަޢުލީމު، ތިމާވެށި، ކުޅިވަރުގެ ދާއިރާއިން އަދި މުޖުތަމަޢަށް ފައިދާހުރި ޕްރޮޖެކްޓްތައް ހިންގުމަށް 200،000 ރުފިޔާގެ އެހީ ބޭންކުން ފޯރުކޮށްދެއެވެ. މިއީ މިގޮތަށް މި ފަންޑު ހިންގަމުންދާ ތިންވަނަ އަހަރެވެ. މިއީ ރާއްޖޭގެ ޖަމިއްޔާތައް ބާރުވެރިކޮށް، މުޅި މުޖުތަމަޢު ހިމެނޭހެން ގައުމަށް ކުރިއެރުން ހޯދައިދިނުމަށް ބޭންކުން ދދޭ އަހުމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެކެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، އެ ބޭންކް ގަބޫލުކުރާ ގޮތުގައި، ދެމެހެއްޓެނިވި ކުރިއެރުމެއް ހާސިލުކުރެވޭނީ މުޖުތަމައުގެ ބިންގަލުން ފެށިގެން ކުރެވޭ މަސައްކަތުން ކަމަށެވެ. ޝަރީފް ވިދާޅުވީ 'ބޭންކް ފަންޑު' އަކީ ރަށްރަށުގެ ޖަމިއްޔާ ޖަމާއަތްތަކުން ގެންގުޅޭ އުފެއްދުންތެރި ހިޔާލުތައް، މުޖުތަމައަށް ފައިދާކުރަނިވި ކަންކަމަށް ބަދަލުކުރުމަށް މަގުފަހިކޮށްދިނުމަށް ދޭ އިސްކަން ހާމަކޮށްދޭ ރަމްޒެއް ކަމަށެވެ.
"މި ފަންޑުގެ އެހީގައި މިހާތަނަށް މުޖުތަމައަށް ލިބިފައިވާ ހެޔޮ ބަދަލުތަކާ މެދު އަޅުގަނޑުމެން ފަޚުރުވެރިވަން. އަދި 2026 ވަނަ އަހަރުވެސް، އަޅުގަނޑުމެންގެ އުއްމީދަކީ މުޖުތަމައަށް ނަފާލިބޭނެ ދެމެހެއްޓެނިވި އިތުރު މަޝްރޫއުތަކަކަށް އެހީތެރިކަން ފޯރުކޮށްދިނުން." ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް
ބޭންކް ފަންޑު ތަޢާރަފުކުރި ފަހުން، މުޖުތަމަޢަށް ބޭނުންތެރި ތަފާތު އެކި މަޝްރޫޢުތައް ހިންގުމަށް މިހާތަނަށް ޖުމްލަ 9 ޖަމިއްޔާއަކަށް މި ފަންޑުން އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.
މި ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޖަމްޢިއްޔާ، ޖަމާޢަތްތަކާއި ކްލަބްތަކަށް މިހާރު ވަނީ ހުޅުވާލެވިފައެވެ. އެޕްލިކޭޝަން ފޯމާއި ޕްރޮޕޯސަލް އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެއެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 14 ޖޫން 2026 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:00 އެވެ.
ބީއެމްއެލް އިން ބުނީ، މުޖުތަމައުގެ ތަފާތު އެކި މަޝްރޫއުތައް ހިންގުމަށް މި ފަންޑުން ޖުމްލަ ނުވަ ޖަމްއިއްޔާއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

