logo

ފެންނަ ނުފެންނަ ވޯޓު ހުއްޓުވޭނެ ގާނޫނީ ސަބަބެއް ނެތްކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

އާމިނަތު މޫސާ
9 ގަޑިއިރު ކުރިން

އަންނަ ހޮނިހިރު ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބައި އެކު ބޭއްވުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓު ނެގުން ހުއްޓުވޭނެ ގާނޫނީ ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދަން ނަގާ ފެންނަނުފެންނަ ވޯޓު ނެގުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ނެރުއްވި ގަރާރުގައި ހުށަހަޅުއްވައިފައިވާ ސުވާލު ގާނޫނުއަސާސީއާ ޚިލާފު ކަމަށް ކަނޑައަޅައިދނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް އިއްވަމުން، އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު ވިދާޅުވީ ފެންނަ ނުފެންނަ ވޯޓެއް ނަގާއިރު ސުވާލު ހިމަނަންޖެހޭ ވަކި ގޮތެއް ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ވެސް ބަޔާންކޮށްފައި ނެތް ކަމަށެވެ. އަދި އެވޯޓުނެގުމަށް ތައްޔާރުކޮށްފައިވާ ސުވާލު އޮތީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ބެލެވެން ނެތް ކަމަށާއި އެހެންވެ ފެންނަ ނުފެންނަ ވޯޓު ހުއްޓުވެން ނެތް ކަމަށް ފަސް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރައްވަމުން އެމަނިކުފާނު ވިދާޅުވި އެވެ.

މިދިޔަ ހަފްތާގައި މި މައްސަލައިގެ އެއް އަޑުއެހުން ބޭއްވިއެވެ. އެ އަޑު އެހުމުގައި މައްސަލަ ހުށަހެޅުއްވި ފަރާތުން ވިދާޅުވެފައި ވަނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހެނީ މަޖިލީހުގެ އުމުރު ބަދަލުކުރަން ނިންމާނަމަ ވޯޓަކަށް ދާން ގާނޫނުއަސާސީ ލާޒިމުކުރާތީ ކަމަށެވެ. އެހެންވެ އެ ވޯޓުގައި މި މަޖިލީހުގެ ދައުރު ކުރުކުރަން ފެނޭތޯ ސުވާލުކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ރައީސްގެ އިހުތިޔާރުގައި އޮތް ކަމެއް ކުރަން ޖެހޭނީ ގާނޫނުއަސާސީގެ މަގުސަދު ހާސިލްކުރެވޭ ގޮތަށް ކަމަށް ވެސް މައްސަލަ ހުށަހެޅުއްވި ފަރާތުން ވަނީ ވިދާޅުވެފައެވެ.

އެ ކަމަށް ރައްދު ދެއްވައި ދައުލަތުގެ ވަކީލުން ޝަރީއަތުގައި ވިދާޅުވެފައިވަނީ ސުވާލު އިބާރާތްކުރަން ޖެހޭނެ ގޮތެއް ނުވަތަ ފަރުމާކުރަން ޖެހޭ ވަކި ގޮތެއް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ނެތް ކަމަށެވެ. އެކަން ދޫކޮށްލާފައި އޮތީ ރައީސަށް ކަމަށާއި އެކަން ކުރެވޭނެ ގޮތްތަކުގެ އިޖުރާއަތްތައް ބަޔާންކުރަނީ ހިޔާލު ހޯދުމުގެ ވޯޓު ނަގާ ގާނޫނުގައި ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ. ގާނޫނުގައި އޮތީ ރައީސް ނެރުއްވާ ގަރާރަކުން ސުވާލު ފަރުމާކުރަން ކަމަށް ވެސް ވަކީލް ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ ބެއްލެވީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ އާއި ފަނޑިޔާރު އަލީ ރަޝީދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދެވެ. އަދި ބެންޗުގެ ރިޔާސަތުގައި އިންނެވީ އުއްތަމަ ފަނޑިޔާރެވެ.

ad