މި ސަރުކާރުން ވެރިކަމަށް އައިސް މަސްވެރިންނަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރަން ފެށި ފަހުން މި އަހަރުގެ ޖޫން މަހުގެ މިހާތަނަށް 1.1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ޝިޔާމް ވިދާޅުވީ މައިގަނޑު ގޮތެއްގައި ރާއްޖޭގައި ކުރަނީ ކަޅުބިލަމަހުގެ މަސްވެރިކަމާއި ކަންނެލީގެ މަސްވެރިކަން ކަމަށެވެ. ގިނައިން ދެއްކެނީ ކަޅުބިލަ މަހުގެ ވާހަކަ ކަމަށާއި ނަމަވެސް ކަންނެލި މަސްވެރިކަމަކީ ރާއްޖެއަށް ބޭރު ފައިސާ ގެނައުމަށް ބޮޑު ދައުރެއް އަދާކުރާ ދާއިރާއެއް ކަަމަށް ވިދާޅުވިއެވެ. ބޮޑު ކަންނެލީގެ މަސްވެރިކަމުގައި ވަރަށް ގިނަ އާއިލާތަކެއް ހަރަކާތްތެރިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ވަޒީރު ޝިޔާމް ވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މަސްވެރިން ބާނާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާދެމުންދާކަން ފާހަގަކުރައްވާފައެވެ.
ޖޫން މަހުގެ ނިޔަލަށް މަސްވެރިންނަށް ދޫކޮށްފައިވާ ފައިސާގެ އަދަދު 1،175،803،626.60 (އެއް ބިލިޔަން އެއް ލައްކަ ހަތްދިހަ ފަސް މިލިޔަން، އަށްސަތޭކަ ތިންހާސް ހަ ސަތޭކަ ސައްބީސް ރުފިޔާ ފަސްދޮޅަސް ލާރި) އަށް އަރައެވެ.
މަސްވެރިކަމުގެ ސިނާއަތުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމާއި، ސިނާއަތުގެ ތަރައްގީ ސަރުކާރުން ކަށަވަރުކުރާނެކަމުގެ ޔަގީންކަން ވެސް ވަޒީރު ޝިޔާމް ދެއްވިއެވެ. އަދި މަސްވެރިންނަށް މާލީ އަދި އިދާރީ ފުރުސަތުތައް ފަސޭހަކޮށްދިނުމުގެ ގޮތުން ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ވެސް ފާހަގަކުރެއްވެވިއެވެ..
2023 ވަނަ އަހަރު މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު މަސްވެރިންނަށް ދޭންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދީ ހުރިކަމަށް ސަރުކާރުން ބުނެއެވެ. 2023 ވަނަ އަހަރު މި ސަރުކާރު ވެރިކަމާއި ހަވާލުވި އިރު 250 މިލިޔަން ރުފިޔާ މަސްވެރިންނަށް ނުދައްކާ އޮތެވެ.

