logo

ހުޅުމާލޭގައި 1،000 ހައުސިން ޔުނިޓު ތަރައްގީކުރަން ފަސް ކުންފުންޏަކަށް

އާމިނަތު މޫސާ
8 ގަޑިއިރު ކުރިން

އެފޯޑަބަލް ހޯމް އޯނާޝިޕް ސްކީމަށް ހާއްސަކޮށްގެން، ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން ހުޅުމާލޭގައި 1،000 ހައުސިންގ ޔުނިޓު ތަރައްގީކުރުމަށް ދިވެހި ފަސް ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މި ހަވާލުކުރެވުނު މަޝްރޫއުގެ ދަށުން ހައުސިންގ ޔުނިޓު ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް 3ގަ އެވެ. ޖުމްލަ 30 މަސްދުވަހުގެ މި މަޝްރޫއުގައި ކޮންމެ ޑިވެލޮޕަރަކަށްވެސް ހަވާލުކޮށްފައިވަނީ 1 ޕްލޮޓް ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ބުނެ އެވެ.

މި މަޝްރޫޢު ކުރިއަށްގެންދިޔުމަށް ހަވާލުކޮށްފައިވަނީ އެކަމަށް އިއުލާން ކުރުމުން ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބުނު ފަސް ކުންފުންޏަކާއެވެ. އެ ކުންފުނިތަކަކީ އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް، ޖޭވީ ޕާޓްނާޝިޕް (ވަން ރިއަލިޓީ ޕްރައިވެޓް ލިމިޓެޑް އަދި މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް)، އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް(އާރްސީސީ)، އަދި ޖޭވީ ޕާޓްނާޝިޕް (ފްލެކްސިންކް، އޮކްސްރޯ، ސޮލެކްސް އަދި ބީވާ ބިލްޑާސް) އެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ މި މަޝްރޫއުގެ ދަށުން އިމާރާތްކުރެވޭ ފްލެޓްތައް ވިއްކަން ޖެހޭނީ ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމަށް ފޯމު ހުށަހަޅައި ޝަރުތު ހަމަވާ ފަރާތްތަކަށް ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ 2 ކޮޓަރީގެ ފުލެޓު ވިއްކޭނެ އެންމެ މަތީ އަގަކީ 1.8 މިލިއަން ރުފިޔާ ކަމަށާއި، 3 ކޮޓަރީގެ ފްލެޓު ވިއްކޭނެ އެންމެ މަތީ އަގަކީ 2.3 މިލިއަން ރުފިޔާ ކަމަށް ވެސް ވުޒާރާއިން ބުނެފައިވެ އެވެ.

މި މަޝްރޫއު ކުރިއަށްގެންދިއުމުގައި މައިގަނޑު 2 ކަމަކަށް އިސްކަން ދީފައިވެ އެވެ. އެއީ ފުލެޓުތަކުގެ އަގު ކުޑަކުރުމަށާއި، މިހާތަނަށް ބޯހިޔާވަހިކަން ނެތް ފަރާތްތަކަށް ގަތުމުގެ ފުރުސަތު ދިނުމަށެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ބިނާވެފައިވަނީ ކޮންމެ ދިވެހި އާއިލާއަކަށް ވެސް، އެ އާއިލާއެއްގެ މާލީ ގާބިލުކަން ހުރި މިންވަރަކުން އަތްފޯރާފަށުގައި ބޯހިޔާވަހިކަން ހޯދުމުގެ ފުރުސަތު ހޯދައިދިނުމަށް ކަމަށެެވެ. އަދި ހުޅުމާލޭގައި ހިންގާ މި ހައުސިންގ މަޝްރޫޢަކީ އެ ސިޔާސަތުގެ ދަށުން، މެދު ފަންތީގެ އާމްދަނީ ލިބޭ އާއިލާތަކަށް އެ އާއިލާތަކުގެ ފުރަތަމަ އަމިއްލަ ބޯހިޔާވަހިކަން ހޯދުމުގެ ފުރުސަތު ފަހިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެޅިގެނދިޔަ މުހިއްމު ފިޔަވަޅެއް ކަމުގައި އެ ވުޒާރާއިން ފާހަގަކުރެ އެވެ.

ސަރުކާރުން އަންނަނީ މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކުގެ ރަށްރަށުގައިވެސް ބޯހިޔާވަހިކަމުގެ އެކި މަޝްރޫއުތައް ހިންގަމުންނެވެ. އެގޮތުން ހުޅުމާލެ ފޭސް 1 އަދި ވިލިމާލޭގައިވެސް ދިވެހި ކުންފުނިތަކާ ބިންތަކެއް ހަވާލުކޮށްފައިވާއިރު، ބީއެމްއެލް އެފޯޑަބަލް ހައުސިންގ މަޝްރޫއުގެ ދަށުން ޖުމުލަ 3،260 ހައުސިންގ ޔުނިޓް ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ.

ad