logo

ރޭޕް ކޭސްގައި ހިމެނޭ އެކަކު ޝަރީއަތް ނިމެންދެން ބަންދައް

މަޒީ
18 ގަޑިއިރު ކުރިން

ގދ. ތިނަދޫގައި އަންހެނަކާއި ކުޑަކުދިންތަކެއް ރޭޕްކުރި ކަމުގެ ތުހުމަތަށް ހައްޔަރުކުރި އެކަކު ޝަރީއަތް ނިމެންދެން ބަންދުކުރުމާ އެކު އިތުރު ބައެއްގެ ބަންދު އިތުރުކޮށްފި އެވެ.

ގިނަ ބަޔަކު ބައިވެރިވެގެން، އުމުރުން 22 އަހަރުގެ އަންހެނަކު ރޭޕްކުރި މައްސަލައަކާއި އިތުރު ކުދިންތަކަކަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލައެއް ފެންމަތިވީ މިމަހުގެ މެދުތެރޭގަ އެވެ.

އެ މައްސަލައާ ގުޅިގެން ނުވަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ މުހައްމަދު މައިސަން ޝިޔާޒު، 21އަހަރު، އަހުމަދު އިފްތިޝާމް ޒަރީރު، 24އަހަރު، ނަޖުމުﷲ ހަސަން، 35އަހަރު، އާޒިމް މުފީދު، 24އަހަރު، އަލީ ހުޒާމް ސައީދު، 31އަހަރު، މުހައްމަދު ސޯލިހު އަހުމަދު، 26އަހަރު، އަހުމަދު ނޫހު ނިޔާޒު، 20އަހަރު، މުހައްމަދު މިޝަލް އަހުމަދު ޒުހައިރު، 20އަހަރު، އަދި އަހުމަދު ސާނިޖު ސޯދިގު، 32 އަހަރެވެ.

އޭގެ ތެރެއިން މުހައްމަދު ސޯލިހާއި މިޝަލް އާއި ނަޖުމުﷲ އަދި ނޫހުގެ ބަންދަށް އެންމެ ފުރަތަމަ ދިނީ ފަސް ދުވަހެވެ. އެ މުއްދަތު ހަމަވުމުން އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނީ ނޫހު އެވެ.

ފުލުހުން ބުނީ މިޝަލްގެ ބަންދަށް 30 ދުވަސް އަދި ނަޖުމުﷲ ގެ ބަންދަށް 45 ދުވަސް ދީފައިވާ ކަމަށެވެ. އަދި މުހައްމަދު ސޯލިހާއި ސާނިޖުގެ ބަންދަށް ދީފައި ވަނީ 5 ދުވަސްކަމަށެވެ.

އެ މައްސަލާގައި ހިމެނޭ މައިސަން އާއި އާޒިމްގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ފުރަތަމަ ފަހަރަށް ހާޒިރުކުރުމުން 15 ދުވަސްދީފައިވާތީ އެމީހުންގެ ބަންދު އަދި ހަމައެއް ނުވެއެވެ. ދެން އެ މައްސަލާގައި ހައްޔަރުކުރި އިފްތިޝާމް އާއި ހުޒާމުގެ ބަންދަށް 90 ދުވަސް މީގެ ކުރިން ވަނީ ދީފައެވެ.

މި މައްސަލައާ ގުޅިގެން އެކަމުގެ ތަހުގީގަށް މާލެއިން ޚާއްސަ ފުލުހުންގެ ޓީމެއް ވަނީ ގޮސްފައެވެ.

ފުލުހުން ބުނެފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށާއި އަދި އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށެވެ.

ad