logo

މާލެ ސިޓީ ކައުންސިލްގެ 14 ބިމެއް ދައުލަތަށް ނަގާ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި

މަޒީ
8 ގަޑިއިރު ކުރިން

މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި މުހިންމު 14 ބިމެއް ސަރުކާރަށް ނެގުމަށް ނިންމި ނިންމުން ތަންފީޒުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި، އެ ކައުންސިލުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި ޑެޕިއުޓީ މޭޔަރު މީކާއީލް މުހައްމަދު ރިޔާޒު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ހިނގަން ސަރުކާރަށް ބިންތައް ނަގާ ކަމަށް އަންގާފައިވީ ނަމަވެސް، އޭގެ ތަފުސީލެއް ކައުންސިލަށް ނުލިބޭ ކަމަށެވެ.

14 ބިމެއް ސިޓީ ކައުންސިލުގެ އިޚްތިޞާޞުން ވަކިކޮށް، ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަން ނިންމިކަން ހައުސިން މިނިސްޓްރީން އިއުލާނުކުރީ މި ހިނގާ އޮކްޓޫބަރު މަހުގެ 15 ގައެވެ.

ސަރުކާރުން މި ބިންތައް ނަގަން ނިންމީ ކައުންސިލުގެ އެއްބާރުލުން ނުލިބި، އެ ތަންތަނުގައި ހިންގަން ރޭވި މަޝްރޫއުތައް ކުރިއަށް ނުދާތީ ކަމަށް ބުނެއެވެ. ނަމަވެސް، މި ނިންމުމާ ދެކޮޅަށް ކޯޓަށް ދިޔުމަށް ސިޓީ ކައުންސިލުން ނިންމީ މި އޮކްޓުބަރު މަހުގެ 16 ވަނަ ދުވަހު ބޭއްވި ކުއްލި ބައްދަލުވުމެއްގައެވެ.

ތަފުސީލު ހޯދަން ކައުންސިލުން ފޮނުވި ސިޓީތަކަށް އެއްވެސް ޖަވާބެއް ލިބިފައިނުވާ ކަމަށް ވެސް ޑެޕިއުޓީ މޭޔަރު ވިދާޅުވި އެވެ. އެހެންވެ، ގާނޫނުގައި ބުނާ އިޖުރާއަތް ފުރިހަމަ ނުވާ ކަމަށް ގަބޫލުކުރާތީ، އެ ބިންތައް ނެގުން ހުއްޓުވަން މައްސަލަ ކޯޓަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ނެގުމަށް ނިންމާފައިވާ 14 ބިމުގެ ތެރޭގައި ހިމެނެނީ ސަލްޓަން ޕާކު، ގައުމީ ދާރުލްއާސާރު، މަސް މާރުކޭޓާއި އެ ސަރަހައްދުން ހިއްކާފައިވާ ބައި، ލޯކަލް މާރުކޭޓު، ސިޓީ ކައުންސިލްގެ މަސައްކަތްތެރިންގެ އެކޮމޮޑޭޝަން ބިލްޑިން ހުންނަ ބިން، ވިޔަފާރިވެރިންގެ ޖަމިއްޔާގެ އޮފީސް އިމާރާތް، ކާނިވާ ސަރަހައްދު، އާޓިފިޝަލް ބީޗު، މަސްވެރިންގެ މައިޒާން، ތައިސޭ ކޮށި، ކުލީ ފާޚާނާ ނަންބަރު 2، ގަސްގަހާގެހި ރައްކާކުރަން ކައުންސިލުން ބޭނުންކުރާ ބިން، ބޮނޑިބަތް ޕާކު އަދި ރަސްފަންނު ހިމެނޭ ސަރަޙައްދެވެ.

އެކަމާ ގުޅޭ އެއްވެސް ޝަކުވާއެއް ނުވަތަ ހިޔާލެއް އޮތް ނަމަ މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި ހައުސިން މިނިސްޓްރީ އަށް ހުށަހަޅަން ވެސް މިނިސްޓްރީން ވަނީ އެދިފަ އެވެ.

ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ބޭނުމުގައި، އެ ތަނެއް ކައުންސިލުގެ އިޚްތިޞާޞުން ވަކިކޮށް ސަރުކާރުގެ ދަށަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސް އަމަލުކުރަން ފަށާފައިވަނީ މިދިޔަ ސެޕްޓެންބަރު މަހުގެ ތެރޭގައެވެ. މި ބަދަލާ ގުޅިގެން ކައުންސިލްތަކުގެ ބާރު ކެނޑިގެންދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުންނާއި ކައުންސިލްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ad