ވ.އާރަށުގެ މައްސަލާގައި ކުރީގެ ރައީސް، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާއި ގުޅިގެން އަލަށް ހުށަހެޅި ހެކިތައް ބަލައިގަތުމާމެދު ގޮތެއް ނިންމުމަށް ތާވަލް ކޮށްފިއެވެ.
މި މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަން ދީފައިވާ މުއްދަތަކީ އަންނަ ޖުލައި މަހުގެ ފުރަތަމަ ދުވަހުގެ ހެނދުނު 09:00 އެވެ.
ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައި ވަނީ އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުތައް ހިންގުމުގައި ރިޝްވަތުގެ ގޮތުގައި 1 މިލިއަން ޑޮލަރު ޤަބޫލުކުރުމާއި، އެ ފައިސާ ލޯންޑަރކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭތީއެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާ ކުރި ކަމަށް ބުނެ ޔާމީންގެ މައްޗަށް ދައުވާކުރާ މި މައްސަލާގައި އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމް މިގެ ކުރިން ބާތިލްކުރިއެވެ. ނަމަވެސް އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އެންގި އެވެ.
2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު، މި މައްސަލައިގައި ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ނަމަވެސް 18 އެޕްރިލް 2024ގައި ހައިކޯޓުން ވަނީ އެ ޙުކުމް ބާތިލްކޮށް އަލުން މައްސަލަ ބެލުމަށް އަމުރުކޮށްފަވެއެވެ.
އެ މައްސަލާގައި ދައުލަތުން ސުޕްރީމް ކޯޓަށް އިސްތިއުނާފްކުރީ އާ ހެކިތައް އެއް ފަރާތްކުރަން ޖެހޭނެ ކަމަށް ހައި ކޯޓުން ނިންމި ބައި އެކަންޏެވެ. އެ މައްސަލާގެ އަޑުއެހުންތައް ފުރަތަމަ ނިންމާލާފައިވަނިކޮށް ބެންޗަށް ބަދަލު އައިސްގެން އިތުރު އަޑުއެހުމެއް ވެސް ބޭއްވި އެވެ. މި މައްސަލާގެ އަޑުއެހުންތައް މިދިޔަ ސެޕްޓެމްބަރުމަހު ނިންމާލާފައި ވަނިކޮށް މި މައްސަލައިގެ އިތުރު އަޑު އެހުމެއް ބޭއްވީ ފަނޑިޔާރުންގެ ބެންޗަށް ބަދަލު އައުމާއި ގުޅިގެންނެވެ.މި މައްސަލާގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަންދެން ކްރިމިނަލް ކޯޓުގައި އޮތް އާރަށު މައްސަލައިގެ ޝަރީއަތްވެސް ވަނީ މަޑުޖައްސާލާފައެވެ.
ސުޕްރީމް ކޯޓުން މި މައްސަލަ ބައްލަވާ ފަނޑިިިިޔާރުންނަކީ އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އަދި ފަނޑިޔާރު އަބްދުﷲ ހަމީދެވެ.

.jpg&w=256&q=75)
