ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި، ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން، "މޯލްޑިވްސް ނޭޝަނަލް އީކޯޓޫރިޒަމް ސްޓޭންޑަރޑްސް އެންޑް ސެޓިފިކޭޝަން ފްރޭމްވޯކް" އާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ހާއްސަ ވެބިނާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ވެބިނާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 6 ވާ ހޮނިހިރު ދުވަހުގެ މެންދުރު 12:00 ގައެވެ.
އެ ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި އަލަށް ތައާރަފުކުރެވޭ އީކޯޓޫރިޒަމް މިންގަނޑުތަކާއި، ސެޓިފިކެޓް ދިނުމަށް ކަނޑައެޅިފައިވާ އޮނިގަނޑާ ބެހޭގޮތުން ކަމާބެހޭ ފަރާތްތަކަށް މައުލޫމާތު ދިނުމެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށާއި، ތިމާވެއްޓާ ރައްޓެހި އުސޫލުތައް ދާއިރާގައި އަށަގެންނެވުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
މި ވެބިނާގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުންނާއި، ކަމާގުޅޭ އެކި މުއައްސަސާތަކުން ތިރީގައިވާ ކިއުއާރް (QR) ކޯޑު ސްކޭން ކުރައްވައިގެން ރެޖިސްޓްރީ ކުރެއްވުމަށް ވަނީ އެދިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަނީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމާއެކު، ފަތުރުވެރިކަން ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މިފަދަ މިންގަނޑުތަކެއް ކަނޑައެޅުމަކީ ރާއްޖޭގެ ގުދުރަތީ ރީތިކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

.jpg&w=256&q=75)
