logo

އެލްޖީއޭގެ ބޯޑަށް 2 ބޭފުޅަކު އައްޔަންކުރަން ކޮމިޓީން ރުހުންދީފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
19 ގަޑިއިރު ކުރިން

އެލްޖީއޭގެ ބޯޑަށް 2 ބޭފުޅަކު އައްޔަންކުރަން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއިން ރުހުންދިފިއެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭގެ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާ މެންބަރުންގެ ތެރެއިން ދެ މެންބަރަކު ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނަން ފޮނުއްވީ މި ހިނގާ މަހުގެ 10ވަނަ ދުވަހުއެވެ.

އެލްޖީއޭގެ ބޯޑަށް މަޖިލީހުން އައްޔަންކުރައްވާ މެންބަރުންގެ މަގާމަށް ކުރިމަތިލާން ހުޅުވާލީ އެ މަގާމުގައި މިހާރު ތިއްބެވި ބޭފުޅުންގެ މުއްދަތު ސެޕްޓެމްބަރު މަހަށް ހަމަވާތީއެވެ. އެ މަގާމަށް ކުރިމަތިލުމަށް އެ އޮފީހުން ހުޅުވާލީ މިދިޔަ ޖުލައި މަހެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލި ފުރުޞަތުގައި އެލްޖީއޭގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލާންޖެހޭ ދާއިރާތަކުގެ ތެރެއިން ދެ ދާއިރާއަކުން ކުރިމަތިލި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ފެނިވަޑައިގަންނަވާ ދެ ބޭފުޅުންގެ ނަން މަޖިލީހިން މިއަދު ރުހުންދީފައިވާއިރު، އެމަނިކުފާނު ފޮނުއްވާފައިވަނީ މިންތީގެ ހަމަހަމަކަމުގެ ދާއިރާއިން އަންހެން މެންބަރަކާއި ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އައްޔަން ކުރައްވާ މެންބަރުންގެ ނަންތަކެވެ.

މިންތީގެ ހަމަހަމަކަމުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ބޭފުޅެއްގެ ގޮތުގައި އެލްޖީއޭގެ ބޯޑަށް އައްޔަން ކުރެއްވުމަށް ރައީސް ފޮނުއްވާފައިވަނީ ގދ. ގައްދޫ، ތިބުރޯޒުގެ އައިޝަތު އާރިފާގެ ނަންފުޅެވެ. އަދި ގަވަނަންސްގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ބޭފުޅެއްގެ ގޮތުގައި ހުށަހަޅުއްވާފައިވަނީ ށ. ކަނޑިތީމު، ރަތްވިލާގެ މުހައްމަދު އާރިފްގެ ނަންފުޅެވެ.

އެލްޖީއޭގެ ބޯޑު އެކުލެވިގެންވަނީ ނުވަ މެންބަރުންގެ މައްޗަށެވެ. އެ ބޯޑުގައި ތިއްބަވަނީ ގާނޫނު އަސާސީގެ 140 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބޭނުމަށް ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށްޓަކައި ރައީސް އައްޔަންކުރާ ވަޒީރުގެ އިތުރުން، ޖެންޑާ އިކުއަލިޓީގެ ދާއިރާއިން ތަޖްރިބާ ލިބިފައިވާ އަންހެން މެމްބަރަކާއި، ގަވަނަންސްގެ ތަޖްރިބާ ލިބިފައިވާ މެންބަރަކާއި، މަދަނީ ޖަމިއްޔާގެ މެމްބަރަކާއި، ސިޓީ ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިހުބުކުރާ މެމްބަރަކާއި، އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އެމީހުން އިންތިހާބުކުރާ މެމްބަރަކާއި، ރަށު ކައުންސިލްތަކުގެ ތެރެއިން އިންތިހާބު ކުރާ މެމްބަރަކާއި، މާލީ ކަންކަމާގުޅޭ ވުޒާރާގެ ވަޒީރު ކަނޑައަޅާ އެ އޮފީހުގެ މުވައްޒަފެއްގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އެއޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.

މި ނަންތައް ފޮނުއްވާފައިވަނީ އެލްޖީއޭ ބޯޑުގެ ތިން މެންބަރެއްގެ ދައުރު ސެޕްޓެމްބަރު މަހަށް ހަމަވާތީއެވެ.

މިއަދު ބޭއްވި ލާމަރުކަޒީ ކޮމިޓީގައި އެ ދެ ބޭފުޅުންނާއި އިންޓަރވިއުކުރުމަށްފަހު، އެ ދެބޭފުޅުންނަށް ވެސް އެވްރެޖްކޮށް 75އިން މަތިން މާކްސް ލިބިފައެވެ. މި ހުށަހެޅުން ފާސްކުރައްވާފައިވަނީ ލާމަރުކަޒީ ކޮމިޓީއަށް ހާޒިރުވެވަޑައިގަތް މެމްބަރުންގެ އިއްތިފާގުންނެވެ.

ad