މާލެއާއި ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، 3 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު 2 މީހަކު ހައްޔަރުކޮށްފިއެވެ.
މި އޮޕަރޭޝަނަކީ މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި ޖުލައި މަހުގެ 6ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ މާލެ، ދަފްތަރު ނަންބަރު ދރ 071، ފަތުޙު އާދަމް ޙަސަންފުޅު (44އ) އާއި، ބަންގްލަދޭޝްއަށް ނިސްބަތްވާ ޝާހު އަލްތަބުރް ރަޙްމާން (31އ)އެވެ. މި 2 މީހުން ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ ދެ މީހުން 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ފުލުހުން ބުނި ގޮތުގައި، މި އޮޕަރޭޝަންގެ ތެރެއިން ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެވިފައިވެއެވެ. މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ރައްކާތެރިކުރުމަށާއި މިފަދަ ވިޔަފާރިތައް ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ފުލުހުން ދަނީ މެދުނުކެނޑި ކުރަމުންނެވެ.

