logo

ވައިގެ ދަތުރުފަތުރުގެ ދާއިރާ ފުޅާކުރުމަށް އިތުރު ދެ އެއްބަސްވުމެއް އެކުލަވާލަނީ

އާމިނަތު މޫސާ
9 ގަޑިއިރު ކުރިން

ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށާއި ވައިގެ ދަތުރުފަތުރުގެ ދާއިރާ ފުޅާކުރުމަށް ވައިގެ ދަތުރުފަތުރުގެ އިތުރު އެއްބަސްވުންތަކެއް އެކުލަވާލުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއާ ވާހަކަދައްކަވަމުން އަމީން ވިދާޅުވީ، ސަރުކާރުގެ އަމާޒަކީގެ ވައިިގެ ދަތުރުފަތުރުގެ އެއްބަސްވުންތަކުގެ ތެރެއިން ރާއްޖެއަށް ލިބޭ ޓްރެފިކް ރައިޓްސްގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ކަމަށެވެ. ވަޒީރު ވިދާޅުވީ މި އެއްބަސްވުމުގެ މަސައްކަތް މީގެ ކުރިން ވެސް ކުރެވުނު ކަމަށާއި ނަމަވެސް އެކި ސަބަބުތަކާ ހުރެ މިކަން ނުކުރެވި އޮތީކަމަށެވެ. އެހެން ނަމަވެސް، މިހާރު މަސައްކަތް ކުރަމުންދަނީ އެކަންކަން ހާސިލުކުރުމަށް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށާއި ވައިގެ ދަތުރުފަތުރުގެ ދާއިރާ ފުޅާކުރުމަށް އިތުރު ދެ ވައިގެ ދަތުރުފަތުރުގެ އެއްބަސްވުންތަކެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވެފައިވާއިރު، ރާއްޖެއިން ދާދިފަހުން ވަނީ އިތިއޯޕިޔާއާއެކު ވައިގެ ދަތުރުފަތުރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިއީ އެފްރިކާ ބައްރުގެ ގައުމަކާއެކު ރާއްޖެއިން މިފަދަ އެއްބަސްވުމެއް އެކުލަވާލި ހަ ވަނަ ފަހަރެވެ.

މި އެއްބަސްވުމުގެ ދަށުން އިތިއޯޕިޔާގެ އެޑިސް އަބާބާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އޮސްޓްރޭލިއާއާއެކު ވެސް ސީދާ ދަތުރުތައް ފެށުމަށް އެއްބަސްވުމެއް އެކުލަވާލާފައިވާއިރު، އެ އެއްބަސްވުމުގެ ދަށުން ގައުމީ އެއާލައިން މޯލްޑިވިއަނުން މިހާރު ދަނީ އޮސްޓްރޭލިއާއަށް ސީދާ ދަތުރުތައް ކުރަމުންނެވެ.

މިހާރު މަސައްކަތް ކުރިއަށްދާ ސްޕީޑާ މެދު ހިތްހަމަޖެހިވަޑައިގަންނަވާކަން ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ އަދި މާލަސްތަކެއްނުވެ މި އެއްބަސްވުންތަކުގެ ނަތީޖާ ފެންނާނެ ކަމަށެވެ.

ދާދި ފަހުން ވަނީ ރާއްޖެއާއި އިތިއޯޕިއާއާ ދެމެދު ސީދާ ދަތުރުފަތުރުގެ ހިދުމަތް ގާއިމުކުރުމާ ބެހޭ މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފައެެވެ.

އިތިއޯޕިއާއަކީ އެފްރިކާ ބައްރުގެ ގައުމުތަކުގެ ތެރެއިން ރާއްޖެއިން ވައިގެ ދަތުރުފަތުރުގެ އެއްބަސްވުން އެކުލަވައިލި 6 ވަނަ ގައުމެވެ. މީގެ ކުރިން ރާއްޖެއިން އެފްރިކާ ބައްރުގެ މިސްރު، މޮރިޝަސް، ރުވާންޑާ، ސީޝެލްސް އަދި ސައުތުއެފްރިކާ އާއެކު މިފަދަ އެއްބަސްވުންތައް ގާއިމުކޮށްފައި ވެއެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ އެއާލައިންތަކުގެ މެދުގައި ޝެޑިއުލް ސީދާ ދަތުރުތައް ފެށުމުގެ މަގު ފަހިވެގެންދާނެއެވެ. މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ގައުމީ އެއާލައިން "މޯލްޑިވިއަން" އަށް ވެސް އިތިއޯޕިއާއަށް ދަތުރުތައް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ad