އަންނަ މަހުގެ 1ވަނަ ދުވަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލްގެ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ބައިނަލްއަގުވާމީ ބާޒާރުގައި މުދަލާއި ހިދުމަތް ވިއްކާ ދިވެހި އުފެއްދުންތެރިންނަށާއި ކުދި ވިޔަފާރިތަކަށް ޔޫއެސް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފި އެވެ.
ރައީސް މިކަން ހާމަކުރެއްވީ "މޯލްޑިވްސް އެކްސްޕޯ 2026" އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ވިދާޅުވީ، ދުނިޔޭގެ ކޮންމެ ތަނަކުން ވެސް ދިވެހި ކުދި ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެހިގެން ދިޔުމަކީ އެ ވިޔަފާރިތަކަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
"ބައިނަލްއަގްވާމީ ބާޒާރުގަ މުދަލާ ހިދުމަތް ވިއްކާ ދިވެހި އުފެއްދުންތެރިންނަށް، ކުދި ވިޔަފާރިތަކަށް ދުނިޔޭގެ ކޮންމެ ގައުމެއްގަ، ކޮންމެ ތަނަކުންވެސް ބީއެމްއެލް ގޭޓްވޭއިން މެދުވެރިކޮށް ޔޫއެސް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމް އެއް ނޮވެމްބަރުން ފެށިގެން އިރާދަކުރެއްވިއްޔާ ހަމަޖެހިގެން ދާނެ. އަދި ޑޮލަރުން ލިބޭ މި ފައިސާ އެއްވެސް ދަތިކަމެއް ނެތި ކާޑު ބޭނުންކޮށްގެންނާ ރެމިޓެންސްގެ ޒަރިއްޔާއިން ރާއްޖެއިން ބޭރުން މުދަލާ ޚިދުމަތް ހޯދުމަށް ބޭނުންކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން، ވިޔަފާރިތަކުން ބޭނުންކުރާ ހިދުމަތްތަކަށް ބޭނުންވާ ސަބްސްކްރިޕްޝަން ފަދަ ޕޭމަންޓްތައް ވެސް ދަތިކަމެއް ނެތި ދެއްކޭނެ އިންތިޒާމު ހަމަ އެ ތާރީހުން ފެށިގެން ހަމަޖެހިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ، މި ލުއިތަކުގެ ސަބަބުން އެމްއެސްއެމްއީ ސެކްޓާގައި މަސައްކަތްކުރާ ފަރާތްތަކަށް ހުރި ހުރަސްތައް ނެތިގޮސް، ވިޔަފާރިތަކުގެ އާމްދަނީ އާއި ފައިދާ އިތުރުވާނެ ކަމަށެވެ.

