logo

ޑރ. މުޙައްމަދު ޢަލީ އަވަހާރަވުމާއި ގުޅިގެން ރައީސް ވަނީ ތަޢުޒިޔާ ވިދާޅު ވެއްޖެ

މުސްލިމާ ޙަސަން
18 ގަޑިއިރު ކުރިން

25 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތްތަކެއް ކޮށްދެއްވި، ޑރ. މުޙައްމަދު ޢަލީ އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވައި، 25 އަހަރަށް ވުރެ ދިގު މުއްދަތަކު ދައުލަތަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވި، ޑރ މުޙައްމަދު ޢަލީ އަވަހާރަވި ޚަބަރު އަޑުއެހީ ފުން ހިތާމައާއެކުގަ ކަމަށް ރައީސް ވިދާޅުވިއެވެ.

މަރްޙޫމް ޑރ މުޙައްމަދު ޢަލީއަކީ އިޖްތިމާޢީ އެކި ކަންކަމުގައި ވަކިން ޚާއްޞަކޮށް އިސްލާމީ ހޭލުންތެރިކަމާއި ތިމާވެށީގެ އެކި ދާއިރާތަކުން މުޖްތަމަޢަށް ގިނަގުނަ މަޢުލޫމާތުތަކެއް ފޯރުކޮށްދެއްވައި، ޢިލްމީ ދިރާސާތައް ކުރެއްވި، ޚުލްޤު ހެޔޮ، ދީންވެރި ނަމޫނާ ޝަޚްޞިއްޔަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އެންމެންގެ ލޯތްބާއި އިޙްތިރާމް ހޯއްދެވި ޤަދަރުވެރި ބޭފުޅެއް ކަމަށާއި،. މަރްޙޫމްގެ ޢާއިލާއަށާއި އެކުގައި މަސައްކަތްކުރެއްވި ހުރިހާ ބޭފުޅުންނަށް ނުހަނު އިޚުލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ޑރ މުޙައްމަދު ޢަލީ ލެހެއްޓެވުން އެދި ދުޢާކުރާ ކަމަށް ވެސް ރައިސް ވިދާލުވިއެވެ.

ad