މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީން މިއަދު، "ޓްރެޕްޑް ބިހައިންޑް ދަ ސްކޭމް" ނުވަތަ "މަކަރާއި ހީލަތުން ގައިދުކޮށްފައި" މި ޝިއާރުގެ ދަށުން މީހުން ޓްރެފިކްކުރުމާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަޤުވާމީ ދުވަސް 2026 ފާހަގަކޮށްފިއެވެ.
މިއަހަރުގެ ޝިއާރުން އަމާޒުކުރަނީ، ޓެކްނޯލޮޖީއާއި ޑިޖިޓަލް ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން، އޮންލައިން ސްކޭމް ކޮމްޕައުންޑްތަކަށް މީހުން ޓްރެފިކްކުރާ މިންވަރު އިތުރުވަމުންދާ ދިއުމަށާއި، މި ބަދަލުވަމުންދާ ކުށުގެ ވިއުގަތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ މުހިންމުކަމުގެ މައްޗަށެވެ.
މީހުން ޓްރެފިކްކުރުމާ ދެކޮޅަށް މަސައްކަތްކުރުމަކީ ދިވެހިރާއްޖެއިން ޤައުމީ ފެންވަރުގައި އެންމެ އިސްކަންދޭ އެއް ކަންތައް ކަމުގައި މި މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. މިގޮތުން، ލޭބަރ މައިގްރޭޝަންގެ މުޅި ނިޒާމު ހަރުދަނާކުރުމަށްޓަކައި، އިމިގްރޭޝަނާއި، ލޭބަރ ގަވަރނަންސްއާއި، އިންސްޕެކްޝަންތަކުގެ އިތުރުން ޤާނޫނު ތަންފީޒުކުރުން ވަނީ މި މިނިސްޓްރީގެ އޮނިގަނޑުގެ ދަށަށް ގެނެވިފައެވެ. މީގެ އިތުރުން، މީހުން ޓްރެފިކްކުރުމާ ދެކޮޅަށް މަސައްކަތްކުރުމުގެ ދިގުމުއްދަތުގެ ޤައުމީ އޮނިގަނޑު ކަމުގައިވާ "މޯލްޑިވްސް އެންޓި-ހިއުމަން ޓްރެފިކިންގ ސްޓްރެޓީޖިކް ޕްލޭން 2026-2028" ފާސްކޮށް، ކުށްކުރުން ހުއްޓުވުމާއި، ވިކްޓިމްސްއަށް ރައްކާތެރިކަން ދިނުމާއި، ތަޙުޤީޤުކުރުމުގެ ދާއިރާތަކުން އިސްކަންދޭނެ ކަންކަން ވަނީ ކަނޑައެޅިފައެވެ. މި މަސައްކަތުގެ ބިންގަލަކީ ކުށްކުރުން ހުއްޓުވުން ކަމުގައިވާތީ، ބިދޭސީ މަސައްކަތްތެރިންނާއި، ވަޒީފާދޭ ފަރާތްތަކާއި، ރެކްރޫޓްމަންޓް އޭޖެންސީތަކަށް އަމާޒުކޮށްގެން ހިންގާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް މިހާރު ދަނީ ފުޅާކުރަމުންނެވެ. ބިދޭސީ މަސައްކަތްތެރިން ރާއްޖެއަށް އައުމާއެކު އެމީހުންގެ ޙައްޤުތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމާއި، ބަޔޯމެޓްރިކް ރަޖިސްޓްރޭޝަނާއި ވެރިފިކޭޝަން ސިސްޓަމްތައް މެދުވެރިކޮށް މައިގްރޭޝަން މެނޭޖްމަންޓް ސިސްޓަމްތަކުގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް އަޅުގަނޑުމެން ގެންދަނީ ކުރަމުންނެވެ.
"އެންމެން ގުޅިގެން،ް ކުށްތައް ހުއްޓުވުން ހަރުދަނާކުރެވިދާނެ ކަމަށާއި، އަދި ޤައުމިއްޔަތަކަށް ބެލުމެއްނެތި ކޮންމެ މީހަކަށްވެސް ސަލާމަތްތެރިކަމާއި، ކަރާމާތާއި އަދި އެކްސްޕްލޮއިޓޭޝަނުން ސަލާމަތްވެފައިވާ މިނިވަންކަމާއެކު ދިރިއުޅެ މަސައްކަތްކުރެވޭނެ ދިވެހިރާއްޖެއެއް ބިނާކުރެވިދާނެ،" މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ބުނެއެވެ.
މީހުން ޓްރެފިކްކުރުމަކީ ހަމައެކަނި ސަރުކާރުގެ އިދާރާތަކުން ކުރާ މަސައްކަތަކުން ހުއްޓުވޭނެ ކަމަކަށް ނުވާތީ، މިކަމުގައި ވަޒީފާދޭ ފަރާތްތަކާއި، މަދަނީ ޖަމިއްޔާތަކާއި، އަދި އާންމު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދެއްވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. އަމާޒަކީ އެކްސްޕްލޮއިޓޭޝަން ފެށުމުގެ ކުރިން އެކަން ހުއްޓުވާނެ ހަރުދަނާ ނިޒާމުތަކެއް ބިނާކުރުން ކަމަށް ވެސް ވަނީ ފާހަގަ ކޮށްފައެވެ.

.jpg&w=256&q=75)
