އައްޑޫގައި ޤާއިމްކުރާ ޑޮމެސްޓިކް ވަޔަލަންސް ޝެލްޓަރުގެ މަސައްކަތް އަންނަ ޖެނުއަރީ މަހު ނިންމާ ޚިދުމަތް ދޭން ފަށާނެކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ 3 ސަރަހައްދުގައި ޑޮމެސްޓިކް ޝެލްޓަރުތައް ޤާއިމްކުރުމަށް މަސައްކަތްކުރަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގައި ވާހަކަދައްކަވަމުން، އެ ވުޒާރާގެ ލީޑް ސޯޝަލް ޕްރޮޓެކްޝަން އޮފިސަރ އަކްރަމް ޙުސައިން ވަނީ ވިދާޅުވެފައެވެ. އޭޑީބީއާ ގުޅިގެން ކުރިއަށްދާ މި މަސައްކަތުގެ ދަށުން ހުޅުމާލެއާއި އުނގޫފާރުގައިވެސް ޑީވީ ޝެލްޓަރު ޤާއިމްކުރުމުގެ މަސައްކަތްކުރަމުންދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަންހެނުން ބާރުވެރިކުރުވުމަށް އެ ވުޒާރާގެ އިސްނެގުމާއެކު ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.ގެވެށި އަނިޔާއާ ގުޅިގެން ބޭނުންވާ ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުމާ، އެ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ފުރިހަމަކުރުމަކީ ވުޒާރާގެ އެންމެ އިސް އެއް މަސައްކަތެވެ.
މި ކޮމިޓީގައި ވާހަކަދައްކަވަމުން އިޖުތިމާޢީ އެހީއާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޒީނާޒް ޢަދުނާން ވިދާޅުވީ އަންހެނުން ބާރުވެރިކުރުވުމަށް ތަފާތު އެކި ޕްރޮގްރާމްތައް މިދިޔަ އަހަރުވެސް ކުރިއަށް ގެންގޮސްފައިވާކަމަށެވެ. އަދި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމަށް އެ ވުޒާރާއިން ޚާއްސަ ސަމާލުކަމެއް ދެއްވާކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ކޮމިޓީގައި އެ ވުޒާރާއިން ވަނީ ނިމިދިޔަ އަހަރު ހުށަހެޅި މައްސަލަތަކުގެ ތަފްސީލު ހިއްސާކުރައްވާފައެވެ. އެގޮތުން، 2025 ވަނަ އަހަރު ރާއްޖޭގެ އެކި އަތޮޅުތަކުން 18 އަހަރުން ދަށުގެ ކުދިންނާ ގުޅުންހުރި 1800އަށް ވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާކަމަށް އެ ވުޒާރާއިން ހާމަކުރައްވާފައިވެއެވެ.
އޭގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ހިމެނޭ އިރު އެންމެ ގިނައީ އަންހެން ކުދިންނަށް ކުރާ އެކި ހާނިކައާ ގުޅޭ މައްސަލަތަކެވެ. އަންހެން ކުދިންނަށްކުރާ ހާނިކައާ ގުޅުން ހުރި 961 މައްސަލަ އަދި ފިރިހެން ކުދިންނާ ގުޅުން ހުރި 904 މައްސަލަ ހުށަހަޅާފައިވެއެވެ.
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ، އުމުރުން ދުވަސްވީ މީހުންނަށް ކުރާ އަނިޔާ، ގެވެށި އަނިޔާއާ ގުޅުންހުރި 711 މައްސަލަ އެ އިދާރާއަށް ހުށަހަޅާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެނުންނާ ގުޅުން ހުރި 548 މައްސަލަ، އަދި ފިރިހެނުންނާ ގުޅުންހުރި 163 މައްސަަލައެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ދިވެހި އާއިލާތަކާ ހަވާލުކުރުމަށް ހިންގާ ކޮންމެ ކުއްޖަކަށް އާއިލާ ޕްރޮގްރާމްގެ ތެރެއިން މިދިޔަ އަހަރު 14 ކުއްޖަކަށް ފޮސްޓަރ އާއިލާ ހޯދާދެވިފައިވާކަމަށްވެސް ހާމަކުރައްވާފައިވެއެވެ. އަދި 22 ކުދިންނަށް އާއިލާއަށް ރުޖޫއަވުމުގެ ފުރުސަތު ހޯދައިދީފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

