ގަވައިދާ ޚިލާފަށް ޑޮލަރު މާރުކުރި ކުންފުންޏެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ޖޫރިމަނާކޮށް، ލައިސަންސް ހިފަހައްޓައިފިއެވެ.
އެމްއެމްއޭ އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މަނީ ޗޭންޖިން ވިޔަފާރިއާބެހޭ ގަވާއިދާ ހިލާފުވުމުގެ ސަބަބުން "އެމް.އެސް.ފައިނޭންސް ކަރަންސީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް" އަށް ސުޕަވައިޒަރީ ފިޔަވަޅެއްގެ ގޮތުން 500،000 ރުފިޔާއިން އިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން އެ ކުންފުންޏަށް ދޫކޮށްފައިވާ މަނީ ޗޭންޖާ ލައިސަންސް ހިފަހައްޓާފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމަލާތްތައް ކުރުމުގައި ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމަށް އެމްއެމްއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ގަވާއިދާ ޚިލާފުވާ ފަރާތްތަކާ މެދު އެ އޮތޯރިޓީ އާއި ތަންފީޒީ އިދާރާތައް ގުޅިގެން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައެވެ.
ސަރުކާރުން ވަނީ، ޑޮލަރުގެ ކަޅު ބާޒާރު ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް ނިންމައިފައެވެ. އޭގެ ތެރޭގައި އެމްއެމްއޭ އިން ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާކަން އިޝްތިހާރުކުރުމާއި ޕްރޮމޯޓުކުރުން މަނާކޮށްފައިވެއެވެ. މިގޮތުން ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ނުވަތަ އެ ނޫން ވެސް ގޮތަކަށް ކަޅުބާޒާރުގެ ރޭޓުތައް ހާމަކުރުމާއި، ޝާއިއުކުރުމާއި ފެތުރުމަކީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

