logo

އާމްދަނީއާއި ހަރަދު ހުރިގޮތް ބެލުމަށް މާލެ ސަރަޙައްދުގައި ހާއްސަ ސާވޭއެއް

އާމިނަތު މޫސާ
5 ގަޑިއިރު ކުރިން

ގޭބިސީގެ އާމްދަނީ އާއި ހަރަދުކުރުން ހުރިގޮތުގެ ސާވޭ މާލެ ސަރަހައްދުގައި ފަށައިފިއެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އިން ބުނިގޮތުގައި މިމަހުގެ 11 އިން ފެށިގެން ޖުލައި 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ސާވޭއަކީ ގޭބިސީގެ އަވްރެޖް ހަރަދާއި އެކިކަންކަމަށް ހަރަދުކުރާ މިންވަރު ދެނެގަތުމަށް ކުރިއަށްގެންދާ ސާވޭއެކެވެ. މި ސާވޭއިން ލިބޭ މައުލޫމާތުން ރާއްޖޭގެ ފަގީރުކަމުގެ މިންގަނޑު އެކުލަވާލުމަށް ނިންމާފައިވާއިރު، ބާޒާރުގެ އަގުތަކުގެ މިންގަނޑު (ސީޕީއައި)ގެ ބުރަދަން އިސްލާހު ކުރުންވެސް ހިމެނެއެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން ބުނީ، ސަރވޭގެ ޓީމުތަކުން ގޭބިސީތަކަށް ޒިޔާރަތްކުރަމުންދާނެ ކަމަށާއި، މަޢުލޫމާތު ހޯދުމަށްދާ ހުރިހާ މުވައްޒަފުންވެސް އެ އިދާރާގެ ރަސްމީ އައިޑީ ކާޑު ބޭނުންކުރާނެ ކަމަށެވެ. އެހެންކަމުން، މި މަސައްކަތަށް އާންމުންގެ ފުރިހަމަ އެއްބާރުލުން ދެއްވުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.

މި ސަރވޭގެ ދަށުން ގޭބިސީތަކުގެ އެވްރެޖް ޚަރަދާއި، އާމްދަނީ ލިބޭ ގޮތްތަކުގެ އިތުރުން ފަޤީރުކަމުގެ މިންގަނޑުތައް ކަނޑައެޅުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރެވޭނެއެވެ. މީގެ އިތުރުން، ގޭބިސީތަކުގެ ތަޢުލީމީ ފެންވަރާއި، މަސައްކަތުގެ މަޢުލޫމާތާއި، ހިޖުރަކުރުމުގެ އާދަކާދަތަކުގެ އިތުރުން، އާމްދަނީއެއް ނުލިބި އާއިލާއަށްޓަކައި ކުރާ ޚިދުމަތްތަކަށް ހޭދަވާ ވަގުތުވެސް މި ސަރވޭގައި ބަލާނެއެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން ހާމަކުރި ގޮތުގައި، ގޭބިސީތަކުން ބޭނުންކުރާ ހަރުމުދަލާއި، ފޯނު، ކަރަންޓު، ފެން އަދި ޞިއްޙީ ޚިދުމަތްތަކަށް ކުރާ ޚަރަދުތަކުގެ ތަފްޞީލު ހޯދޭނެއެވެ. އަދި ކާބޯތަކެއްޗަށް ކުރާ ހޭދައާއި، އެކި ބޭނުންތަކަށް ނަގާފައިވާ ލޯނުތަކާއި ކްރެޑިޓަށް ނަގާފައިވާ ތަކެތީގެ މަޢުލޫމާތުވެސް މި ސަރވޭގެ ތެރެއިން އެއްކުރުމަށް ވަނީ ހަމަޖެހިފައެވެ. ކޮންމެ 5 ނުވަތަ 6 އަހަރަކުން އެއްފަހަރު ކުރިއަށްގެންދާ މި ސަރވޭ އެންމެ ފަހުން ބާއްވާފައިވަނީ 2019 ވަނަ އަހަރުއެވެ.

މިއަހަރުގެ މިހާތަނަށް ކ. އަތޮޅު، މ. އަތޮޅު، އައްޑޫ ސިޓީ، ލ. އަތޮޅު އަދި ނ. އަތޮޅުގެ ބައެއް ރަށްރަށުގައި މި ސަރވޭ ވަނީ ކުރިއަށްގެންގޮސްފައެވެ. މި ސަރވޭގެ ދަށުން މާލެއާއި އެހެނިހެން ސިޓީތަކުން 2,085 ގޭބިސީއަކުން މަޢުލޫމާތު އެއްކުރާއިރު، އަތޮޅުތަކުން 2,010 ގޭބިސީއެއް ހިމެނޭހެން ޖުމުލަ 4,095 ގޭބިސީއަކުން މަޢުލޫމާތު އެއްކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

ad