މި އަހަރުގެ މިހައިތަނަށް ރާއްޖެއަށް 1.8 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން އައިސްފިއެވެ. ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި، މި އަހަރުގެ މިހާތަނަށް ޖުމްލަ 1,803,749 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައި 1,858,995 ފަތުރުވެރިންނާ އަޅާކިޔާއިރު %3 ގެ ދަށްވުމެކެވެ. މެދުއިރުމަތީގައި ހިނގަމުންދާ ނުތަނަވަސްކަމާ ގުޅިގެން ފަތުރުވެރިން އައުން މަދުވި ނަމަވެސް، ފާއިތުވި މަހު މި އަދަދުތައް ވަނީ އަނެއްކާވެސް މައްޗަށް ދާން ފަށާފައެވެ. މިގޮތުން ހުސްވި އޮކްޓޫބަރު މަހު އެކަނިވެސް 194,039 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިއީ ވޭތުވެދިޔަ އަހަރުގެ އެ މަހު އައި 192,398 މީހުންނާ އަޅާބަލާއިރު %0.9 ގެ ކުރިއެރުމެކެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެ ގައުމުން 332,186 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، 258,120 ފަތުރުވެރިންނާއެކު ދެވަނައަށް އެންމެ ގިނަ މީހުން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ.


