logo

ފަވަރައާއި ގުޅުމަށް ޑިޖިޓަލް ވޮލެޓް ފަހި ޕޭއާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހި ޗެނަލް
ދިވެހި ޗެނަލް
7 ގަޑިއިރު ކުރިން

ޤައުމީ ޕޭމަންޓް ނިޒާމު ފަވަރައާއި ގުޅުމަށް ޑިޖިޓަލް ވޮލެޓް ފަހި ޕޭއާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމާއެކު ފަހި ޕޭ ވާނީ ފަވަރަ ޚިދުމަތާއި ގުޅޭ، ބޭންކް ނޫން ދެވަނަ ޚިދުމަތް ދޭ ފަރާތަށެވެ.

ފަހި ޕޭ ފަވަރަ ޚިދުމަތާއި ގުޅުވާލުމަށް އެއްބަސްވުމުގައި ސޮއިކުރުމާއި ގުޅިގެން އެމްއެމްއޭއިން ވިދާޅުވީ، ފަހިޕޭ އާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން ފަހިޕޭ ފަވަރަ ޚިދުމަތާ ގުޅިގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ފަހިޕޭއިން ފަވަރަ ޚިދުމަތް ދިނުމަށް ބޭނުންވާ ފުރަތަމަ މަރުހަލާގެ ޓެސްޓުތައް ނިންމާ، ޚިދުމަތް ދޭން ފެށުމަށް އެންމެފަހުގެ ތައްޔާރީތަށް ވަމުންދާ ކަމަށެވެ.

"ފަވަރަ" ޓްރާންސްފާއިން މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ޖަމާކުރެވޭނެއެވެ. އަދި "ފަވަރަ" ރިކުއެސްޓް މެދުވެރިކޮށް، އަމިއްލަ ފަރާތްތަކާއި ވިޔަފާރިތަކަށްވެސް ބިލު ފޮނުވައިގެން ފައިސާގެ މުއާމަލާތްތައް ހިންގޭނެއެވެ. މިހާތަނަށް ރާއްޖޭގެ ބޭންކުތަކާއި އަދި ފައިސާގެ މުޢާމަލާތް ކުރާ އެކި ވޮލެޓްތަކުން ވަނީ މި ޚިދުމަތާއި ގުޅިފައެވެ. އެގޮތުން ބޭންކުތަކުގެ އިތުރަށް ދިރާގުން ވަނީ، މި ޚިދުމަތާއި ގުޅިފައެވެ.

ފަވަރަ ޚިދުމަތް ފުޅާކުރުމަށް އެމްއެމްއޭއިން ދަނީ، މަސައްކަތް ކުރަމުންނެވެ. މިމަސައްކަތުގެ ދަށުން ފަވަރައާއި، އިންޑިޔާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް 'ޔޫޕީއައި'އާއި ގުޅާލުމުގެ މަސައްކަތް ފުރިހަމަކޮށް މިހާރު ޚިދުމަތް ދޭން ވަނީ ފަށާފައެވެ. މި މަޝްރޫއުގެ ދެވަނަ މަރުހަލާގައި ކިއުއާރު ކޯޑު ބޭނުން ކޮށްގެން ވިޔަފާރިތަކަށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހޭނެއެވެ.

އެމްއެމްއޭއިން ވަނީ، ދާދިފަހުން ފަވަރަ ޚިދުމަތަށާއި ޕޭމަންޓް މޯލްޑިވްސްގެ ޚިދުމަތްތަކަށް ހާއްސަ ހޮޓްލައިނެއްވެސް ތަޢާރަފްކޮށްފައެވެ. މި ހޮޓްލައިނަކީ، އެމްއެމްއޭގެ ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދޭ ޕޭމަންޓް ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށާއި، ޚިދުމަތް ހޯދާ ފަރާތްތަކަށް ދިމާވާ އެކިއެކި މައްސަލަތައް ލުއިފަސޭހަކަމާއެކު އަވަހަށް ހައްލުކޮށްދިނުމުގެ މަގުސަދުގައި ގާއިމުކުރާ ނަންބަރެއް ކަމަށް މަރުކަޒީ ބޭންކުން ވިދާޅުވެއެވެ. މި ހޮޓްލައިން މެދުވެރިކޮށް ހުށަހެޅޭ މައްސަލަތައް ބަލައި، އެ ކަންކަމަށް ހައްލު ހޯދައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެމްއެމްއޭގެ ބެލުމުގެ ދަށުން ހިންގާ ޕޭމަންޓް މޯލްޑިވްސްއިންނެވެ.

ad